Last Updated: April 20, 14:49
Saturday, April 20, 2024
ޚަބަރު

ރައުޝަންގެ މަރުގެ ދައުވާ ލިބޭ ތިން މީހަކު ދައުވާއަށް އިއުތިރާފްވެއްޖެ

ރައުޝަން ޖިއާން

މާލޭގައި ހަދަމުން ދިޔަ އިމާރާތަކުން ސިމެންތި ބަސްތާއެއް ވެއްޓި ބިދޭސީ ކުއްޖަކު މަރުވި މައްސަލާގައި ދައުވާކުރި ތިން މީހަކު ދައުވާ އަށް މިއަދު އިއުތިރާފްވެއްޖެއެވެ.

އުމުރުން 7 އަހަރުގެ ޖައުޝަން ޖިއާން މަރުވެފައިވަނީ ޑަބްލިއު ކޮންސްޓަރަކްޝަންއިން ހަދަމުން ދިޔަ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ޒަހަމްވެ ފަރުވާ ދެމުން ދަނިކޮށެވެ. މިމައްސަލަ ފުލުހުން ތަހްގީގުކޮށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވަނީ މިދިޔަ މަހުގެ ކުރީކޮޅުއެވެ.

ރައުޝަންގެ މަރުގެ މައްސަލާގައި ދައުލަތުން ހަ މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާއިރު މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ދައުވާ އަށް އިއުތިރާފްވީ އިންޑިއާގެ ތިން މީހުން ކަމަށްވާ ރައްޖާވް އަލީ އާއި މުތުމަނި ރަމަޗަންދުރަން އާއި ކެޝަރިލަލް ޗައުހަންއެވެ.

މީގެތެރެއިން ރައްޖާވްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ މީހަކު މަރުވެދިޔުމުގައި ފަރުވާ ކުޑަ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއެވެ. މުތުމަނި ރަމަޗަންދުރަންގެ މައްޗަށް މީހަކު މަރުވެދިއުމުގައި ފަރުވާކުޑަ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އުފުލާފައިވާއިރު ކެޝަރިލަލް ޗައުހަން މައްޗަށް އުފުލާފައިވަނީ ކުރިމަތިވެދާނެކަން އެނގޭ ނުރައްކަލެއްގެ އިންޒާރު އެކަށީގެންވާ ސަބަބެއް ނެތި ނުރައްކަލެއްގައިވާ މީހާއަށް ނުދިނުމުގެ ކުށުގެ ދައުވާއެވެ.

މި ތިން މީހުންނަކީ ވެސް މި ހާދިސާ ހިނގިއިރު އެ ސައިޓުގައި އެވަގުތު މަސައްކަތުގައި އުޅުނު ތިން މީހުން ކަމަށްވާއިރު، އެ ތިން މީހުން ވެސް ބުނީ އެކަން ހިނގާފައިވަނީ ގަސްދުގައި ކުރި ކަމެއްގެ ސަބަބުން ނޫން ކަމަށް ބުނެފައެވެ. އަދި ގަސްދުގައި ކުރި ކަމަކަށް ނުވި ނަމަވެސް އެކަން ހިނގާފައިވާތީ ކުށަށް އިއުތިރާފުވާ ކަމަށް އެ ތިން މީހުން ވެސް ބުންޏެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން ކުށަށް އިއުތިރާފްވެއްޖެނަމަ އެ މައްސަލައެއް ފަސް ދުވަސް ތެރޭގައި ނިންމަންޖެހޭނެ ކަމަށް ކަނޑައަޅާފައިވާއިރު، އެ ތިން މީހުންނަށް ހުކުމް ކުރުމަށް މި މަހުގެ 26 ވަނަ ދުވަހަށް އަޑުއެހުމެއް ތާވަލުކޮށްފައެވެ.

ރައުޝަންގެ މަރާ ގުޅިގެން އިންޑިއާގެ އިތުރު މީހަކަށް ވެސް ދައުލަތުން ދައުވާކުރާއިރު ދެ ދިވެއްސެއްގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފައެވެ. މި މައްސަލާގައި ޕީޖީން ދައުވާ އުފުލާފައިވާ ދެ ދިވެހިންނަކީ އެތަނުގެ ސައިޓު ސްޕަވައިޒަރ ދަފްތަރު 7198 އާދަމް ޝަފީގު އާއި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ދަފްތަރު ނަންބަރު 8424، މޫސާ ހަސަންގެ މައްޗަށެވެ.