Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ތިން ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރަނީ

ރ،މަޑުއްވަރި

ތިން ރަށެއްގެ ސިއްހީ މަރުކަޒުތައް ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އަޅަން ޖެހޭ އިމާރާތް ޑިޒައިންކޮށް އަދި ބީއޯކިޔު ހަދައިދޭނޭ ފަރާތެއް ހޯދުމަށް ހެލްތް މިނިސްޓްރީން އިއުލާންކޮށްފިއެވެ.

ހެލްތު މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ އދ. މާމިގިލި، ރ. މަޑުއްވަރި އަދި ރ. މީދޫގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އަޅަންޖެހޭ އިމާރާތް ޑިޒައިންކޮށް ބީ.އޯ.ކިޔު ހަދާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.

އަދި މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހު އެއް ވަނަ ދުވަހު ހެނދުނު 11:00 އަށް އެ މިނިސްޓްރީ (ރޯޝަނީ ބިލްޑިންގް، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، އަންނަ މަހު އަށްވަނަ ދުވަހު ހެނދުނު 11:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގް، ސޯސަންމަގު) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުމަށް ހެލްތް މިނިސްޓްރީން ވަނީ އަންގާފައެވެ.

އަދި މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

މި ތިން ރަށުގެ އިތުރުން ނ. ވެލިދޫ އާއި، ޅ. ހިންނަވަރުގެ ސިއްހީ މަރުކަޒު ވެސް ހޮސްޕިޓަލް ފެންވަރަށް ތަރައްގީ ކުރުމަށް މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.