Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

ނުހައްގުން ވަޒީފާ އިން ވަކިކޮށްގެން 800 ޝަކުވާ ހުށަހަޅައިފި

ރައީސް އޮފީސް : ފޮޓޯ: ސަން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ސިޔާސީ ސަބަބަކަށްޓަކައި ވަޒީފާއިން ވަކި ކުރިކަމުގެ 800 އަށް ވުރެ ގިނަ ޝަކުވާ ހުށަހަޅާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ނުހައްގުން ވަޒީފާއިން ވަކިކުރި މީހުންނަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައި އޮތްއިރު އެފަދަ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޕްރެޒިޑެންޝަލް އެކްޝަން ކޮމިޓީއެއް އުފައްދަވާފައެވެ.

ރައީސް އޮފީހުން މިއަދު ބުނީ ވަޒީފާ އިން ވަކިކުރި ކަމުގެ ޝަކުވާ 800 ފަރާތްތަކުން ހުށަހަޅާފައިވާއިރު އެންމެ ގިނަ އިން ޝަކުވާ ހުށަހަޅާފައިވަނީ ފެނަކަ އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑާ ދެކޮޅަށް ކަމަށެވެ. އެގޮތުން ފެނަކައިން ވަޒީފާ އިން ވަކިކޮށްގެން 125 ޝަކުވާ ހުށައަޅާފައިވާއިރު ޕޯޓްސް ލިމިޓެޑްގެ ވަޒީފާ އިން ވަކިކޮށްގެން 55 ޝަކުވާ ހުށައަޅާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ކޮމިޓީން އެ ޝަކުވާތައް ބެލިއިރު ފެނަކައާ ބެހޭ ގޮތުން ހުށައެޅިފައިވާ 94 ޝަކުވާ އަކާއި ޕޯޓްސްގެ ލިމިޓެޑާއި ގުޅޭގޮތުން ހުށަހެޅި 38 ޝަކުވާތަކުގައި ސިޔާސީ ސަބަބުތައް އެކުލެވިގެންވާކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

މީގެއިތުރުން ފުލުހުންގެ ވަޒީފާ އިން ވަކިކޮށްގެން 43 ޝަކުވާ ހުށައަޅާފައިވާއިރު ސިފައިންގެ ވަޒީފާއިން ވަކިކޮށްގެން 42 ޝަކުވާއެއް ވެސް ވަނީ ހުށަހަޅާފައެވެ. މީގެތެރެއިން 63 މީހުން ވަޒީފާ އިން ވަކިކުރި ސަބަބު މުރާޖައާ ކޮށްދޭން އެ ދެ މުއައްސަސާގައި ކޮމިޓީން ވަނީ އެދިފައެވެ.

އަދި ސިޔާސީ ސަބަބުތަކަށްޓަކައި ފިޔަވަޅު އަޅާފައިވާ ފަރާތްތަކުން ވަޒީފާއާ ބެހޭ ޓްރިބިއުނަލްއަށާއި ޝަރުއީ ކޯޓުތަކަށް މައްސަލަ ހުށަހަޅައި ހައްލެއް ލިބިފައި ނުވާ 47 ފަރާތަކުން ޝަކުވާ ހުށަހަޅާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

ބޭއިންސާފުން ވަޒީފާ ގެއްލުނު ފަރާތްތަކަށް އިންސާފު ހޯދައިދިނުމަކީ ރައީސް ސޯލިޙްގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ރާވާފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.