Last Updated: March 29, 10:16
Friday, March 29, 2024
ޚަބަރު

ހަރުގެ ތެރޭގައި އޮތް ނަރުގަނޑުން ސިމާދުގެ ޑީއެންއޭ ފެނުނު: ފުލުހުން

މަރާލާފައި އޮތްވާ ފެނުނު ހުސެއިން ސިމާދު

ސ. ހިތަދު ހިޔާލީގެ ހުސެއިން ސިމާދު މަރުވެފައި އޮއްވާ ފެނުނު ހަރުގެ ތެރޭގައި އޮތް ދަގަނޑު ނަރުގަނޑަކުން އޭނާގެ ޑީއެންއޭ ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ގއ.ވިލިނގިލީގައި ދިރިއުޅެމުން އަންނަ ސިމާދު މަރުވެފައި އޮއްވާ ފެނިފައިވަނީ މިދިޔަ މަހުގެ ފަހުކޮޅުއެވެ.

ސިމާދުގެ މަރާ ގުޅިގެން ފުލުހުންގެ ތަހުގީގަށް މިހާތަނަށް ފާހަގަވެފައި ހުރި ކަންކަން ހާމަކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓުގެ ހެޑް ސުޕްރިންޑެންޓެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ މި ހާދިސާއާ ގުޅިގެން ކުށުގެ ވެށި ކަމަށްވާ ހަރުގެ ކޯޓު އަމުރެއްގެ ދަށުން ބަލާފާސްކުރި ކަމަށާއި އެގޮތުން ސިމާދުގެ ހަށިގަނޑު އޮތް ދިމާލުން ހަރުގެ ތެރޭގައި ކަރަންޓު ދީފައިވާ ކަމަށް ބެލެވޭ ނުވަތަ ކަރަންޓު ދިނުމަށް ބޭނުންކޮށްފައި އޮތް ކަމަށް ބެލެވޭ ދެ ނަރު ފެނިފައިވާ ކަމަށެވެ.

މީގެއިތުރުން އެތަނުގައި ހަދާފައި ހުރި ބާގަނޑުން ހަރުގެއަށް ވަންނަ މީހަކު ކަރަންޓުގައި ޖެހޭ ފަދަ ގޮތަކަށް އިތުރު ބައެއް އާލާތްތައް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ދަގަނޑު ނަރުގަނޑެއް ވެސް ހަރުގެއިން ފެނިފައިވާ ކަމަށް ޝިފާއު ވިދާޅުވިއެވެ.

"މި ނަރުގަނޑު ފެނިފައިވަނީ މީހާ އޮތް ދިމާލާ ގާތްގަނޑަކަށް 40 ވަރަކަށް ފޫޓު ދުރުން ކަމަށްވާތީ، މީހާ ކަރަންޓުގައި ޖެހި މަރުވިފަހުން، ކަރަންޓުގައި ޖެއްސިތަނުން ނަރުގަނޑު ނަގާ އެހެން ދިމާލަކަށް އެއްލާލާފައިވާކަން ފާހަގަކުރެވޭ. އަދި ހަށިގަނޑުގައި ނަރުގަނޑު ޖެހި އަނދާފައިވާ ތަންތަން ފެންނަން ހުރުމާއި، އަދި އެ ނަރުގަނޑުން ހުސެއިން ސިމާދުގެ ޑީއެންއޭ ފެނިފައިވާކަން ފާހަގަކޮށްލަން" ޝިފާއު ވިދާޅުވިއެވެ.

ޝިފާއު ވިދާޅުވި ގޮތުގައި އެ ހަރުގެ ތެރޭގައި ހުރި ޑީބޯޑުތަކުގައި ކަރަންޓު ހުރިކަން ފާހަގަކުރެވުނު ނަމަވެސް ސަރކެޓް ބްރޭކާތައް ހުރީ އޮފް ސްޓޭޓަސްގައިކަން ވެސް ފާހަގަކުރެވުނު ކަމަށެވެ. އެގޮތުން ސަރކެޓް ބްރޭކާތައް އޮފްކޮށްފައި ހުރީ މީހަކު ގަސްދުގައިކަން ފާހަގަކުރެވޭ ކަމަށާއި އަދި އެތަނުގެ ކަރަންޓު ބްރޭކާ ބައިޕާސް ކޮށްފައި ހުރިކަން ވެސް ޝިފާއު ވަނީ ފާހަގަކުރައްވާފައެވެ.

އަދި މި މައްސަލައިގައި ތުހުމަތު ކުރެވޭ ހަރުގެ ބެލެހެއްޓުމާ ހަވާލުވެ ހުރި ސައީދު ހަސަން އަކީ ފެނަކައިގައި 10 އަހަރުވަންދެން ކަރަންޓުގެ މަސައްކަތް ކުރަމުން އަންނަ އެތަނުގެ އިސް މުވައްޒަފެއް ކަމަށްވެސް ޝިފާއު ވިދާޅުވިއެވެ. އޭނާ އަކީ ކަރަންޓުގެ ދާއިރާގައި 40 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި ފަރާތެއްކަން ވެސް ޝިފާއު ފާހަގަކުރެއްވިއެވެ.

މި މައްސަލާގައި ސައީދު ހުސެއިން އަށް ތުހުމަތުތަކެއް ކުރެވުނު ނަމަވެސް އޭނާ ހައްޔަރުކޮށްފައިނުވާ ކަމަށް ޝިފާއު ވިދާޅުވިއެވެ.

މީގެއިތުރުން މި މައްސަލައިގެ ތަހުގީގަށް ކަމާގުޅުންހުރި ދާއިރާތަކުގައި މަސައްކަތް ކުރާ އަދި ތަޖުރިބާ ހުރި ފަރާތްތަކުގެ އެހީތެރިކަން ހޯދާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.