Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

ބޭންކަށް ފައިސާ ގެންދާއިރު ފުލުހުންގެ އެހީތެރިކަން ހޯދުމަށް އިލްތިމާސްކޮށްފި

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ޕޮލިސް

ކުންފުނިތަކުންނާއި އާއްމު ރައްޔިތުން ވެސް ބޮޑެތި އަދަދުތަކުގެ ފައިސާ ބޭންކަށް ޖަމާކުރަންދާއިރު ފުލުހުންގެ އެހީތެރިކަން ހޯދުމަށް އެ އިދާރާ އިން އިލްތިމާސްކޮށްފިއެވެ.

ފުލުހުންގެ ތަރުޖަމާނު ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިޒްމިއާ ޒާހިރު މިއަދު ވިދާޅުވީ މިފަހަކަށް އައިސް ބޭންކަށް ފައިސާ ޖަމާކުރަންދާ މަގުމަތީގައި ބޮޑެތި ފޭރުމުގެ މައްސަލަތައް ހިނގަމުންދާ ކަމަށާއި އެގޮތުން ކުންފުނިތަކާއި އާއްމު ރައްޔިތުންވެސް ބޭންކަށް ބޮޑެތި އަދަދުގެ ފައިސާ ގެންދަވަން ބޭނުންފުޅުވާނަމަ ފުލުހުންގެ އިންސްޓޮލޭޝަން ސެކިއުރިޓީގެ ހިދުމަތް ބޭނުން ކުރެއްވުމަށް އިލްތިމާސްކުރާ ކަމަށެވެ.

މި ހިދުމަތް މާލޭގައި ހޯއްދަވަން ބޭނުންފުޅުވާނަމަ 9980068 ގުޅުއްވައިގެން ފުލުހުންގެ ހިދުމަތް ބޭނުން ކުރެއްވުމަށް އިޒްމިއާ ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން އަތޮޅުތެރޭގައި ވެސް ބޭންކަށް ބޮޑެތި އަދަދުތަކުގެ ފައިސާ ގެންދާއިރު ފުލުހުންގެ ސެކިއުރިޓީގެ ހިދުމަތް އެ ރަށެއްގެ ޕޮލިސް ސްޓޭޝަނުން ހަމަޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ވީމާ އަތޮޅުތެރޭގައި ނަމަ އެރަށެއްގައި ހުރި ޕޮލިސް ސްޓޭޝަނަކުން މި ހިދުމަތް ހޯއްދެވުމަށް އަޅުގަނޑުމެން އިލްތިމާސްކުރަން،" އިޒްމިއާ ވިދާޅުވިއެވެ.

ފަހަކަށް އައިސް ބޭންކުތަކަށް ގެންދާ ބޮޑެތި އަދަދުތަކުގެ ފައިސާ ފޭރިގަންނަ މައްސަލަތައް ވަނީ އިތުރުވެފައެވެ. އެގޮތުން އިއްޔެގެ ވަގުތެއްގައި ވަނީ މިފްކޯގެ ވޭނެއް ހުއްޓުވުމަށްފަހު ދެ މިލިއަން ރުފިޔާ ފޭރިގެންފައެވެ. އެ މައްސަލައާ ގުޅިގެން ބަޔަކު އަދި ހައްޔަރުކޮށްފައެއް ނުވެއެވެ.