Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

ހިސާބު ޖަހަން އެނގޭ މީހުން މަޖިލީހުގައި ތިބެންޖެހޭ: ނަޝީދު

ހިސާބު ޖަހަން އެނގޭ މީހުން ރައްޔިތުންގެ މަޖިލީހުގައި ތިބެންޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލިސް އިންތިހާބުގައި ހުޅުމާލެ ދާއިރާއަށް ވާދަކުރައްވާ އަލީ ނިޔާޒުގެ ކެމްޕޭން އިވެންޓެއްގައި ރޭ ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ އަލީ ނިޔާޒު އަކީ ވަކާލާތު ކުރައްވާނެ ބޭފުޅެއް ކަމަށާއި އަދި ހިސާބު ވެސް ޖަހަން އިނގޭ ބޭފުޅެއް ކަމަށެވެ. އެގޮތުން މަޖިލީހުގައި ހިސާބު ޖަހަން އެނގޭ މީހުން ތިބުމަކީ މުހިއްމު ކަމެއް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"ރައްޔިތުންގެ މަޖިލީހުގައި އެބަ ތިބެންޖެހޭ އެކަކާއި އެކަކާ އެއްކުރީމާ އަންނަ އަދަދު ވެސް އިނގޭ، އަދަދު ގުނަން އިނގޭ އަދި ހިސާބު ޖަހަން އިނގޭ ބޭފުޅުން. އަޅުގަނޑަށް އަލީ ނިޔާޒު ފެންނަނީ އެކައުންޓެންޓެއްގެ ގޮތުގައި" ނަޝީދު ވިދާޅުވިއެވެ.

މީގެއިތުރުން އެމްޑީޕީގެ ކެންޑިޑޭޓުން ފިޔަވައި އެހެން ޕާޓީތަކުގެ ކެންޑިޑޭޓުން މަޖިލީހަށް ވަޑައިގަންނަވަން އުޅުއްވަނީ ކޮން ކަމެއް ކުރައްވަންކަން އަދިވެސް ސާފުނުވާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. އަދި ބައެއް ބޭފުޅުން މަޖިލީހުގެ ފަސް އަހަރުގެ ދައުރު ނިންމާލާއިރު އަމިއްލަ ގިނަ ފައިދާތަކެއް ހޯދަފައި ހުންނަ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ތި ބޭފުޅުންނަށް ޔަގީންކޮށް މި އަރުވަނީ އަލީ ނިޔާޒު އާއި އެމްޑީޕީގެ ކެންޑިޑޭޓުންނަކީ ނަޒާހަތްތެރި ބަޔަކަށް ވާނެ. އަލީ ނިޔާޒު މާލީ ބަޔާން ހާމަކުރައްވާނެ، ވައްކަމެއް ނުކުރައްވާނެ، ޕާޓީއެއް ބަދަލެއް ނުކުރާނެ. އަލީ ނިޔާޒު ވަކާލާތު ކުރާނީ ހަމަ އެންމެ ކަމަކަށް. އެއީ ހުޅުމާލެ ރައްޔިތުންގެ ފައިދާ އާއި މަންފާއަށްޓަކާ" ނަޝީދު ވިދާޅުވިއެވެ.

މިފަހަރުގެ އިންތިހާބުގައި އެމްޑީޕީގެ ކުރީގެ ޑެޕިއުޓީ ޗެއާޕާސަން އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޮއްކޮ އަލީ ނިޔާޒުއާ ވާދަކުރައްވާ ބޭފުޅުންގެ ތެރޭގައި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުލްރަހީމް އަބްދުﷲގެ ދަރިކަލުން އިބްރާހިމް ފައިސަލް އާއި ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހުމަދު އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ހިމެނިވަޑައިގަންނަވައެވެ.