Last Updated: April 23, 19:51
Tuesday, April 23, 2024
ދުނިޔެ

ނިއުޒީލެންޑުގެ ގައުމީ ޓީވީން ހުކުރު ނަމާދު ވަގުތުން ގެނެސްދީފި

ނިއުޒީލެންޑުގައި ކުރެވުނު ހުކުރު ނަމާދުގެ ތެރެއިން - ފޮޓޯ: ރޮއިޓާސް

ނިއުޒީލެންޑުގެ ކްރައިސްޗާޗުގެ ދެ މިސްކިތަކަށް ދިން ހަމަލާއަށްފަހު، އެގައުމުގައި މިއަދު ކުރެވުނު ހުކުރު ނަމާދު އެގައުމުގެ ގައުމީ ޓީވީން ވަގުތުން ގެނެސްދީފިއެވެ.

މިދިޔަ ހުކުރު ދުވަހު ދިން މި ހަމަލާގައި 50 މުސްލިމުން މަރުވިއިރު ގިނަ އަދަދެއްގެ ބަޔަކަށް ވަނީ އެކިވަރުގެ ޒަހަމްތައް ވެސް ލިބިގެން ގޮސްފައެވެ. މަރުވި ފަރާތްތަކުގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެއެވެ. މި ހަމަލާދިން އޮސްޓްރޭލިއާ އަށް ނިސްބަތްވާ މީހާ ހައްޔަރުކޮށް އޭނާގެ މައްޗަށް މިހާރުވަނީ ގަސްދުގައި މީހުންތަކެއް މަރާލިކަމުގެ ދައުވާ އުފުލާފައެވެ.

މިއަދުގެ ހުކުރު ނަމާދު ނިއުޒީލެންޑުގެ ގައުމީ ޓީވީގެ އިތުރުން ރެޑިއޯ ސްޓޭޝަންތަކުން ވެސް ދުރަށް ފޮނުވިއިރު، ހުކުރު ނަމާދު މިއަދު ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ ހުކުރު ދުވަހު ހަމަލާ އަމާޒުވި އެއް މިސްކިތް ކަމަށްވާ އަލް ނޫރް މިސްކިތުގެ ކުރިމަތީގައި އޮތް ހޭގްލީ ޕާކުގައެވެ.

މިއަދުގެ ހުކުރު ނަމާދުގެ ޖަމާއަތުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވިއިރު، އެ ސަރަހައްދަށް ނިއުޒީލެންޑުގެ ބޮޑުވަޒީރު ޖެސިންޑާ އާޑެން ވެސް ވަޑައިގެންނެވިއެވެ. ހުކުރު ނަމާދުގެ ޖަމާއަތަށް ހާޒިރުވި ފަރާތްތަކާ ވާހަކަދައްކަވަމުން އާޑެން ވިދާޅުވީ މި ހިތާމާގައި މުޅި ނިއުޒީލެންޑު ބައިވެެރިވާ ކަމަށާއި އެގައުމު އޮންނާނީ އެއްބައެއްގެ ގޮތުގައި ކަމަށެވެ.

"ހަށިގަނޑުގެ އެއްވެސް ހިސާބެއްގައި ވޭނެއް އަޅާނަމަ، އެ ވޭނުގެ އަސަރު މުޅި ހަށިގަނޑަށް ވެސް ކުރާނެ. މި ހިތާމާގައި މުޅި ނިއުޒީލެންޑު ބައިވެރިވޭ. އަހަރުމެންނަކީ އެއް ބައެއް" އާޑެން ވިދާޅުވިއެވެ.

ނިއުޒީލެންޑުގައި މިއަދު ހުކުރު ހުތުބާ ދެއްވީ ހަމަލާ ދިންއިރު އަލް ނޫރު މިސްކިތުގެ ހުންނެވި އިމާމު ގަމަލް ކަމަށްވާއިރު އޭނާ ވިދާޅުވީ މިދިޔަ ހުކުރު ދުވަހު މިސްކިތަށް ހަމަލާދިން ޓެރަރިސްޓުގެ މޫނުމަތިން ފެނިގެންދިޔައީ ރުޅިވެރިކަމާއި ނަފްރަތު ކަމަށާއި ނަމަވެސް މިއަދު ފެނިގެންދާ މަންޒަރުން ނިއުޒީލެންޑު ބައިބައިކޮށް ނުލެވޭނެކަން ސާފުވެގެންދާ ކަމަށެވެ.

"އަހަރުމެންގެ ފަރާތުން މުޅި ދުނިޔެއަށް ފެނިގެން މިދަނީ ލޯތްބާއި، އެއްބައިވަންތަކަމުގެ ނަމޫނާއެއް. އަހަރުމެން މިތިބީ ހިތާމައެއްގެ ތެރޭގައި. ނަމަވެސް އަހަރުމެން އަހަރު ބަލިއެއް ނުވޭ" އޭނާ ވިދާޅުވިއެވެ.

ނިއުޒީލެންޑުގެ ކްރައިސްޗާޗުގެ ދެ މިސްކިތަކަށް ދިން ހަމަލާއަކީ މިފަހުގެ ތާރީހެއްގައި ހުޅަނގުގެ ގައުމެއްގައި މުސްލިމުންނަށް ދެވުނު އެންމެ ނުރައްކާތެރި އެއް ހަމަލާއެވެ.