Last Updated: April 20, 14:10
Saturday, April 20, 2024
ޚަބަރު

ހުތުބާ ނިއުޒީލެންޑަށް ހާއްސަ ކުރިނަމަ ވަރަށް މުނާސަބު ވީސް: ޝަހީމް

ޑރ.މުހައްމަދު ޝަހީމު އަލީ ސައީދު

މިއަދު ރާއްޖޭގެ ހުކުރު ހުތުބާ ނިއުޒީލެންޑަށް ހާއްސަ ކުރިނަމަ ވަރަށް މުނާސަބު ވީސް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިދިޔަ ހުކުރު ދުވަހު ނިއުޒީލެންޑުގެ ކްރައިސްޗާޗުގެ ދެ މިސްކިތަކަށް ދިން ހަމަލާތަކާ ގުޅިގެން 50 މުސްލިމުން މަރުވިއިރު ގިނަ އަދަދެއްގެ ބަޔަކު ޒަހަމްވެސް ވިއެވެ. މަރުވި ފަރާތްތަކުގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެއެވެ. މި ހަމަލާދިން އޮސްޓްރޭލިއާ އަށް ނިސްބަތްވާ މީހާ ހައްޔަރުކޮށް އޭނާގެ މައްޗަށް މިހާރުވަނީ ގަސްދުގައި މީހުންތަކެއް މަރާލިކަމުގެ ދައުވާ އުފުލާފައެވެ.

އެ ހަމަލާއަށް މިއަދަށް އެއް ހަފްތާ ފުރޭއިރު، ޝަހީމް ވިދާޅުވީ ރާއްޖޭގެ ހުކުރު ހުތުބާ މިއަދު ނިއުޒީލެންޑަށް ހާއްސަކުރި ނަމަ ވަރަށް މުނާސަބު ވީސް ކަމަށާއި އެއީ އިސްލާމީ ފަހުގެ ތާރީހެއްގައި ނަމާދަށް ތިބި ބަޔަކަށް މިސްކިތުގެ ތެރޭގައި ގަސްދުގައި ދިން ވަރުގަދަ ހަމަލާއެއް ކަމަށެވެ.

ރާއްޖޭގެ ހުކުރު ހުތުބާ މިއަދު ހާއްސަކޮށްފައިވަނީ ﷲ އަށްޓަކައި ކަންކަން ކުރުމުގެ މުހިއްމު ކަމުގެ މައްޗަށެވެ.

ނިއުޒީލެންޑުގައި މިއަދު ކުރެވުނު ހުކުރު ނަމާދު އެގައުމުގެ ގައުމީ ޓީވީގެ އިތުރުން ރެޑިއޯ ސްޓޭޝަންތަކުން ވެސް ވަގުތުން ދުރަށް ފޮނުވިއިރު، ހުކުރު ނަމާދު މިއަދު ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ ހުކުރު ދުވަހު ހަމަލާ އަމާޒުވި އެއް މިސްކިތް ކަމަށްވާ އަލް ނޫރް މިސްކިތުގެ ކުރިމަތީގައި އޮތް ހޭގްލީ ޕާކުގައެވެ.

ނިއުޒީލެންޑުގެ ކްރައިސްޗާޗުގެ ދެ މިސްކިތަކަށް ދިން ހަމަލާއަކީ މިފަހުގެ ތާރީހެއްގައި ހުޅަނގުގެ ގައުމެއްގައި މުސްލިމުންނަށް ދެވުނު އެންމެ ނުރައްކާތެރި އެއް ހަމަލާއެވެ.