Last Updated: April 18, 22:36
Thursday, April 18, 2024
ދުނިޔެ

އުރުދުޣާން އާޑެން އަށް: ތިއީ އެހެން ލީޑަރުންނަށް ހުރި ނަމޫނާއަށް!

ޖެސިންޑާ އާޑެން

ނިއުޒީލެންޑުގެ ބޮޑުވަޒީރު ޖެސިންޑާ އާޑެން އަކީ ދުނިޔޭގެ އެހެން ލީޑަރުންނަށް ހުރި ނަމޫނާ އެއް ކަމަށް ތުރުކީގެ ބޮޑުވަޒީރު ރަޖަބް ތައްޔިބް އުރުދުޣާން ވިދާޅުވެއްޖެއެވެ.

މިދިޔަ ހުކުރު ދުވަހު ނިއުޒީލެންޑުގެ ކްރައިސްޗާޗުގެ ދެ މިސްކިތަކަށް ދެވުނު ހަމަލާއަށްފަހު ބޮޑުވަޒީރު އާޑެންގެ އަމަލުތަކަށް ގިނަ ބައެއްގެ ތައުރީފު އަންނަނީ ލިބެމުންނެވެ.

މިދިޔަ ހުކުރު ދުވަހު ދިން މި ހަމަލާގައި 50 މުސްލިމުން މަރުވިއިރު ގިނަ އަދަދެއްގެ ބަޔަކަށް ވަނީ އެކިވަރުގެ ޒަހަމްތައް ވެސް ލިބިގެން ގޮސްފައެވެ. މަރުވި ފަރާތްތަކުގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެއެވެ. މި ހަމަލާދިން އޮސްޓްރޭލިއާ އަށް ނިސްބަތްވާ މީހާ ހައްޔަރުކޮށް އޭނާގެ މައްޗަށް މިހާރުވަނީ ގަސްދުގައި މީހުންތަކެއް މަރާލިކަމުގެ ދައުވާ އުފުލާފައެވެ.

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އުރުދުޣާން ވިދާޅުވީ މި ހަމަލާއާ ދެކޮޅަށް ނިއުޒީލެންޑުގެ ސަރުކާރުން އަދި ވަކިން ހާއްސަކޮށް އެގައުމުގެ ބޮޑުވަޒީރު އާޑެން އަށް އޭނާގެ އަމިއްލަ ނަމުގައި އަދި ތުރުކީ އާއި އޯއައިސީގެ ނަމުގައި ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ.

"ހަމަލާއަށްފަހު ބޮޑުވަޒީރު އާޑެންގެ ފަރާތުން ފެނުނު ކަންތައްތަކަކީ، ދުނިޔޭގެ އެހެން ލީޑަރުންނަށް ހުރި ނަމޫނާއެއް" އުރުދުޣާން ވިދާޅުވިއެވެ.

ނިއުޒީލެންޑުގެ ދެ މިސްކިތަކަށް ދެވުނު ހަމަލާއަކީ މުސްލިމުންނަށް އަމާޒުކޮށް ދެވުނު މިފަދަ ފުރަތަމަ ހަމަލާ ނޫން ކަމަށާއި އަދި މިއީ މިފަދަ ގޮތަކަށް ދެވޭނެ އެންމެފަހު ހަމަލާ ނޫންކަމަށް ވެސް އުރުދުޣާން ވިދާޅުވިއެވެ. އަދި ނިއުޒީލެންޑަށް ހަމަލާދިން މީހާ އަށް ދެވޭ އަދަބު ވާންވާނީ މިފަދަ ކަންކަން ކުރަން ހިތު އަޅައިގެން ތިބި މީހުންނަށް ދެވޭ ވަރުގަދަ މެސެޖަކަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނިއުޒީލެންޑުގެ ބޮޑުވަޒީރު އާޑެން ވަނީ އެ ހަމަލާ ދިން މީހާ އަށް އެގައުމުގައި ދެވެން އޮތް އެންމެ ބޮޑު އަދަބު ދޭނެކަމުގެ ޔަގީންކަން ދާދިފަހުން އަރުވާފައެވެ.