Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ހޯމް މިނިސްޓަރުގެ ބާރުތައް އަނބުރާ ދެއްވައިފި

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ - ފޮޓޯ: އައްޑޫ ލައިވް

ކުރީގެ ރައީސް އަބްދުﷲ ޔާމިން ހަނިކުރެއްވި ހޯމް މިނިސްޓަރުގެ ބާރުތައް، މިހާރުގެ ހޯމް މިނިސްޓަރަށް އަނބުރާ ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ނިންމަވައިފިއެވެ.

ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި އެ އަތޮޅު ކޮމަންޑޫގައި މިއަދު ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ހޯމް މިނިސްޓްރީގައި އޮތް ހޯމް މިނިސްޓަރަށް ލިބިދޭ ބާރުތައްވެސް ރައީސް ޔާމީންގެ ސަރުކާރުން ވަނީ ނަންގަވާފައި ކަމަށާއި ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު އެބާރުތައް އަނެއްކާވެސް ހޯމް މިނިސްޓަރަށް ދޫކޮށްލުމަށް ސޮއިކުރަންޖެހޭ ލިޔުމުގައި ސޮއިކޮށް އެކަން ނިންމާފައިވާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ފުލުހުންގެ ގާނޫނުގައި އެވާ ހޯމް މިނިސްޓަރަށް ލިބިދޭ ބާރުތައް މި ހަފްތާ ތެރޭގައި އަނެއްކާވެސް ހޯމް މިނިސްޓަރަށް ލިބި ރައިސުލްޖުމްހޫރިއްޔާ އޭރު ނަގާފައި އޮތް ހުރިހާ ބާރުތަކެއް އަޅުގަނޑުވާނީ ދޫކޮށްލާފައި" ރައީސް ވިދާޅުވިއެވެ.

ފުލުހުންގެ ގާނޫނުގެ ދަށުން ހޯމް މިނިސްޓަރަށް ލިބިދޭ ބާރުތައް ކުރީގެ ރައީސް ޔާމީން ހަނިކުރެއްވިއިރު، އޭރު ހޯމް މިނިސްޓަރަކަށް ހުންނެވީ އުމަރު ނަސީރެވެ.

ހޯމް މިނިސްޓަރުގެ ބާރުތައް ހަނިކުރެއްވީ އޭރު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އަހްމަދު އަދީބުގެ މައްސަލައެއް ބަލަން ފުލުހުންގެ މައްޗަށް އުމަރު އަމުރުކުރެއްވުމުންނެވެ. އެ އަމުރާ ގުޅިގެން ޔާމީން ހަނިކުރެއްވީ ފުލުހުންގެ 16 ވަނަ މާއްދާ އިން ހޯމް މިނިސްޓަރަށް ލިބިދޭ ބާރުތަކެވެ.

ފުލުހުންގެ ގާނޫނުގެ 16 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި ފުލުހުންގެ ކޮންމެ ވެރިޔަކަށް ލިބިދޭ ގާނޫނީ ބާރާއި އިހްތިޔާރުގެ ބޭނުން މިނިސްޓަރަށް ހިފެއެވެ. މީގެ އިތުރުން ކޮންމެ ހިނދެއްގައި ވެސް ވަކިވަކި ފުލުހުންނަށާއި ފުލުހުންގެ ބަޔަކަށް ނުވަތަ އެންމެހާ ފުލުހުންގެ މައްޗަށް ސީދާ ހޯމް މިނިސްޓަރަށް އަމުރު ނެރެވެ އެވެ. އަދި ފުލުހުންގެ ގާނޫނުގައި ބަޔާން ކޮށްފައިވާ ކަންތައްތަކަށް ފުރިހަމައަށް އަމަލުކުރުމަށާއި ގާނޫނުގެ މަގުސަދު ހާސިލުކުރުމަށްޓަކައި ގަވާއިދާއި އަމުރުތައް ވެސް މިނިސްޓަރަށް ނެރެވެ އެވެ.

ނަމަވެސް ހަމަ އެ މާއްދާގައި ބުނެފައިވާ ގޮތުގައި މި ބާރުތައް މިނިސްޓަރަށް ލިބެނީ ރައީސް ކަނޑައަޅާ ހުދޫދެއްގެ ތެރޭގައެވެ.