Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

ގާސިމްގެ ކެމްޕޭން ޝިއާރަށް ނަޝީދު ފާޑު ވިދާޅުވެއްޖެ

ކުރީގެ ރައީސް މުހައްމަދު ނަޝީދު

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގެ އިންތިހާބުގައި މާމިގިލީ ދާއިރާ އަށް ވާދަކުރައްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ކެމްޕޭން ޝިއާރަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ފާޑު ވިދާޅުވެއްޖެއެވެ.

ރޭ މާމިގިލީގައި ބޭއްވި ކެމްޕޭން އިވެންޓެއްގައި އެ ދާއިރާގެ މެމްބަރުކަން މިހާރުވެސް ކުރައްވަމުން ގެންދަވާ ގާސިމް ވަނީ އޭނާގެ ކެމްޕޭން ޝިއާރު އިއުލާންކުރައްވާފައެވެ. އެގޮތުން ގާސިމްގެ ކެމްޕޭނުގައި ބޭނުން ކުރައްވަނީ "ދިވެހިންގެ ބިން ދިވެހިންނަށް" މި ޝިއާރެވެ.

ލ. މާވަށު ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް އިބްރާހިމް ފަލާހުގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވަނީ އެ ޝިއާރަށާއި އަދި ގާސިމަށް ފާޑު ވިދާޅުވެ ބޮޑެތި ތުހުމަތުތަކެއް ވެސް ކުރައްވާފައެވެ.

"އަޅުގަނޑުމެންގެ ވާދަވެރިންގެ ޝިޔާރަކަށް މިވީ ދިވެހިން ބިން ތިމަންނައަށޭ. ވިސްނަވާ ދިވެހިން ބިން ތިމަންނައަށް މި އަތޮޅުގައި ވެސް ގޮސް އޮތް މިންވަރު. ފަޅުރަށެއް، ފަޅެއް ގިރިއެއް އެބައޮތްތޯ އެއިން ބޭފުޅެއްގެ އަތް މައްޗަށް ނާރާ. އެއްވެސް ރަށެއް. ކިތައް ރަށްތޯ އޭނާ އަތުގައި އޮތީ، ބަލާލާއިރުގައި މި ޖަޒީރާ ގައުމުގެ ދެބައިކުޅަ އެއްބައި" ނަޝީދު ވިދާޅުވިއެވެ.

އަދި އެކި ގޮތްގޮތަށް ޓެންޑަރަށް ލައިގެންނާއި ރިޝްވަތު ދީގެންނާއި އެމްއެމްޕީއާރްސީ އާއި އެސްއޯއެފް އަދި ޑޮލަރު ވިއްކުމުގެ ނަމުގައިވެސް ރަށްރަށް ގާސިމް ނަގާފައިވާ ކަމަށް ނަޝީދު ވަނީ ތުހުމަތު ކުރައްވާފައެވެ.

"މި ހުރިހާ ރަށެއް ނަންގަވާ އަންބޮނޑިއަށް ލައްވަވާފައި ނުކުމެވަޑައިގެން މި ވިދާޅުވަނީ ތިމަންނާގެ ޝިއާރަކީ ދިވެހި ބިން ތިމަންނައަށޭ. ދިވެހި ބިމަކީ ދިވެހިރާއްޖޭގެ ރައްޔިތުންގެ ބިމެއް. އެޖެންޑާ 19 ގެ އަމާޒަކީ ކޮންމެ އަތޮޅެއްގެ ދުނީގައިވާ ހުރިހާ ރަށެއް އަތޮޅު ކައުންސިލަށް މިލްކުކޮށްދިނުން" ނަޝީދު ވިދާޅުވިއެވެ.