Last Updated: March 28, 21:54
Thursday, March 28, 2024
ޚަބަރު

ޔާމީން އަތުގައި ހުރީ ވަގަށް ނަގާފައިވާ ފައިސާ: ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަތުގައި ހުންނެވީ ވަގަށް ނަގާފައިވާ ފައިސާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ ޔާމީންގެ އެކައުންޓްތަކުގައި ހުރި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ފްރީޒްކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައި ކޯޓުން މިއަދު ބާތިލުކުރި ހުކުމަށް އިޝާރާތްކޮށް ވާހަކަދައްކަމުންނެވެ.

ހއ.ކެލާގައި މިއަދު ބޭއްވި ކެމްޕޭން އިވެންޓެއްގައި ވާހަކަދައްކަމުން ނަޝީދު ވިދާޅުވީ އެ 100 މިލިއަން ރުފިޔާ އަކީ ކެމްޕޭނަށް ލިބުނު ފައިސާ ކަމަށް ޔާމީން މީގެކުރިން ވިދާޅުވެފައިވާ ކަމަށާއި ނަމަވެސް ކެމްޕޭން ނިމުނުއިރު ވެސް ފައިސާ ހަރަދުކޮށްފައިނުވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް އެބަ އިނގޭ ކެމްޕޭނަށް ދޭ ފައިސާ ވެސް ރިސިޕްޓާއެކުކަން އަންނަނީ. ކާކުތޯ ކެމްޕޭނަށް ފައިސާ ދިނީ. ނޫން އެއީ ވަގަށް ނަގާފައި ހުރި ފައިސާ ކަނޑައެޅިގެން. އެއީ ދިވެހި ރައްޔިތުންގެ ފައިސާ" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެ ފައިސާ ޔާމީނަށް ދޫކޮށްގެން ނުވާނެ ކަމަށާއި އަދި އެ ފައިސާ ރިޝްވަތުގެ ގޮތުގައި ބަހައި، އިސްލާމްދީން ނަހީކުރައްވާފައިވާ ކަންކަން ކުރުމަށް ދެވިގެން ނުވާނެ ކަމަށެވެ. އޭގެ ބަދަލުގައި ހުންނަންޖެހޭނީ ބޭންކުގައި ކަމަށާއި އެ ފައިސާ ދެން ވަންނަން ޖެހޭނީ ދައުލަތުގެ ހަޒާނާ އަށް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"އެ ނޫން ތަނަކަށް އެ ފައިސާ ވަންނާނެ ކަމެއް ނެތް. އެއީ ތި ބޭފުޅުންގެ ފައިސާ. އެއީ ރާއްޖޭގެ ރައްޔިތުންގެ ފައިސާ" ނަޝީދު ވިދާޅުވިއެވެ.

ޔާމީންގެ އެކައުންޓުތަށް ދޫކޮށްލަން ހުކުމް އިއްވަމުން ހައިކޯޓުގެ އިސް ފަނޑިޔާރު ސުޖާއު އުސްމާނު ވިދާޅުވީ ޔާމީންގެ އެކައުންޓުތައް ފްރިީޒްކުރަން ނެރުނު އަމުރަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާ 73 ވަނަ މާއްދާގައި ބުނާ އިޖުރާއަތްތަކާ ހިލާފަށް ނެރެފައިވާ އަމުރެއް ކަމަށެވެ. އެހެންކަމުން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލްކުރާ ކަމަށް ވިދާޅުވިއެވެ.