Last Updated: March 28, 21:55
Thursday, March 28, 2024
ދުނިޔެ

އިސްރާއީލުން ޝަހީދު ކޮށްލި ފަލަސްތީނު ޒުވާނުންގެ ޖަނާޒާ، އެތައް ބަޔަކު ރޮއްވާލައިފި

އިސްރާއީލު ސިފައިން މިދިޔަ ހޮނިހިރު ދުވަހު ޝަހީދުކޮށްލި ފަލަސްތީނު ޒުވާނުންގެ ޖަނާޒާ ބާއްވައިފިއެވެ.

އިސްރާއީލު ސިފައިން ދިން ހަމަލާތަކުގައި ޝަހީދުކޮށްލާފައިވަނީ ތަމީރް އަބޫ އަލްހައިރު (17 އަހަރު)، އަދަމް އަމާރާ (17 އަހަރު)، ބިލާލް އަލް ނައްޖާރު (17 އަހަރު) އަދި މުހައްމަދު ޖިހާދު ސާދް (20 އަހަރު) އެވެ.

މި ޒުވާނުންތައް ޝަހީދުކޮށްލީ އިސްރާއީލުން ހިސާރުކޮށްފައިވާ ފަލަސްތީނުގެ ޣައްޒާ އާއި އިސްރާއީލުގެ ސަރަހައްދީ ރޮނގު ގުޅޭ ސަރަހައްދުގައި ފަލަސްތީނުގެ ގިނަ އަދަދެއްގެ ރައްޔިތުން މިދިޔަ އަހަރުގެ މާޗު މަހުގެ 30 ވަނަ ދުވަހު ކުރި މުޒާހާރާ އަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ބޮޑު އެއްވުމުގެ ތެރެއިންނެވެ.

ޝަހީދުކޮށްލި ޒުވާނުންގެ ޖަނާޒާގައި އެ ފަރާތްތަކުގެ އާއިލާގެ މެމްބަރުންނާއި ހަމާސް ޖަމާއަތުގެ އިސްވެރިންނާއި އަދި ފަލަސްތީނުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ.

ހޮނިހިރު ދުވަހުގެ އެއްވުމުގައި ޒުވާނުންތަކެއް ޝަހީދުކޮށްލާފައިވާއިރު، އެ އެއްވުމަށް އިސްރާއީލު ސިފައިން ދިން ހަމަލާތަކުގައި 200 އަށް ވުރެ ގިނަ ފަލަސްތީނު އާއްމުންނަށް ވަނީ އެކިވަރުގެ އަނިޔާތަށް ލިބިފައެވެ.

ޣައްޒާ އާއި އިސްރާއީލުގެ ސަރަހައްދީ ރޮނގު ގުޅޭ ސަރަހައްދުގައި "ގްރޭޓް މާޗް އޮފް ރިޓާން" ގެ ނަމުގައި މިދިޔަ އަހަރު ކުރިއަށްގެންދިޔަ އެއްވުމުގައި އިސްރާއީލު ސިފައިން ވަނީ ފަލަސްތީނުގެ 150 މީހަކު ޝަހީދުކޮށްލާފައެވެ. މީގެތެރޭގައި ކުޑަކުދިން ވެސް ހިމެނެއެވެ.

އަދި ގާތްގަނޑަކަށް ފަލަސްތީނުގެ 10،000 މީހުންނަށް އެކިވަރުގެ އަނިޔާތަށް އެފަހަރު ލިބިފައިވެއެވެ.