Last Updated: April 23, 23:56
Wednesday, April 24, 2024
ޚަބަރު

ރާއްޖެ އަށް އެންމެ ރަނގަޅީ ބަރުލަމާނީ ނިޒާމު: ނަޝީދު

ރާއްޖެ އަށް އެންމެ ރަނގަޅީ ބަރުލަމާނީ ނިޒާމު ކަމަށް ގަބޫލުކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ އަބަދުވެސް ބަރުލަމާނީ ނިޒާމަށް ތާއީދުކުރައްވާ ކަމަށާއި އެމްޑީޕީގެ ފަލްސަފާ އަކީ އެއީ ކަމަށެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދަތިވާނެ ގޮތަށް އެއްވެސް ކަމެއް ކުރައްވަން ބޭނުންފުޅު ނުވާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑު އަދިވެސް ދެކެނީ ދިވެހިރާއްޖެ އަށް އެންމެ ރަނގަޅު ވެރިކަމުގެ ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށް. އެ ނިޒާމު އަޅުގަނޑުމެންގެ ތެރެއަށް ތައާރަފް ވެގެން އަންނަންޖެހޭނީ އަޅުގަނޑުމެންގެ ޕާޓީގެ އެކިއެކި ގޮފިތަކުގައި ވެސް މަޝްވަރާ ކުރެވި، ޕާޓީގެ ކޮންގްރެސްގައި ވެސް މަޝްވަރާ ކުރެވި، ޕާޓީގެ ހުރިހާ ގުނަންތަކަކުން މި މަޝްވަރާ ކުރެވި އަދި ރައްޔިތުންގެ މަޖިލީހަށް މައްސަލަ އައިސް، ފެންނަ ނުފެންނަ ވޯޓެއް ނެގި، ވަރަށް ދިގު މަސައްކަތަކަށްފަހު" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް މަސައްކަތް ފަށައިގަންނަން ވެސް ޖެހޭނީ ރައީސް ސޯލިހުގެ ރުހުމާއެކު ކަމަށެވެ. އަދި ބަރުލަމާނީ ނިޒާމު ރާއްޖޭގައި މާ ރަނގަޅަށް ހިނގާނެކަން ފާހަގަކުރައްވަމުން ނަޝީދު ވަނީ މިވަގުތު އެންމެ މުހިއްމީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ވުރެ ރައްޔިތުންނަށް ބޭނުންވާ ކަންކަން ފޯރުކޮށްދިނުން ކަމަށްވެސް ވިދާޅުވެފައެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ވެރިކަމުގެ ނިޒާމަށް ރާއްޖޭގައި ބަދަލެއް އަންނަންޖެހޭ. ދެން ކޮން ވަގުތެއްގައިތޯ އެ އަންނަނީ، އެއީ ރައީސް އާއި މުޅި ޕާޓީ އާއި އަދި ރާއްޖޭގެ ރައްޔިތުންނާއި ވެސް ވާހަކަދައްކައިގެން ނިންމޭނެ ނިންމުމެއް" ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު އޮންނަނީ ރިޔާސީ ނިޒާމެއް ކަމަށްވާއިރު އިދިކޮޅު ފަރާތްތަކުން މިދިޔަ މަޖިލިސް އިންތިހާބުގައި ވަނީ ވެރިކަމުގެ ނިޒާމު ބަދަލުކުރަން ފުރުސަތު ނުދޭނެ ކަމަށް ބުނެފައެވެ.