Last Updated: March 29, 06:30
Friday, March 29, 2024
ކުޅިވަރު

ޕޯޓޯ ބަލިކޮށް ލިވަޕޫލް ސެމީއާ ގާތަށް

ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލްގެ ފުރަތަމަ ލެގުގައި ރޭ ޕޯޓޯގެ މައްޗަށް 2-0 އިން ކުރި ހޯދާ މުބާރާތުގެ ސެމީފައިނަލާ ގާތަށް ލިވަޕޫލުން ޖެހިލައިފިއެވެ.

ލިވަޕޫލްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު އެޓީމަށް މެޗުގެ ފަސްވަނަ މިނެޓްގައި ކާމިޔާބުކޮށްދެނީ ނެބީ ކެއިޓާއެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ޕޯޓޯގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުން ކަމަށްވާއިރު، ކެއިޓާ ފޮނުވާލި އެ ހަމަލާ ގޯލަށް ވަދެފައިވަނީ ޕޯޓޯގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައެވެ.

އަދި މެޗުގެ އެލެގްޒެންޑާ އާނޯލްޑް ދިން ޕާހަކުން މެޗުގެ 26 ވަނަ މިނެޓްގައި ރޮބާޓޯ ފަމީނޯ ވަނީ ލިވަޕޫލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. މި ދެ ގޯލަށްފަހު ވެސް ފުރަތަމަ ހާފްގައި ގޯލްޖަހާނެ އިތުރު ފުރުސަތުތަކެއް ލިވަޕޫލުން ވަނީ ތަނަވަސްކޮށްފައެވެ.

މެޗުގެ ދެވަނަ ހާފްގައި އިތުރު ގޯލެއް ފެނިގެން ގޮސްފައިނުވާއިރު ދެވަނަ ހާފްގައި ޕޯޓޯގެ މޫސާ މަރޭގާ އަށް ވަނީ ގޯލްޖަހާނެ ރަނގަޅު ހަތަރު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އޭގެތެރެއިން ދެ ހަމަލާގެ ހުރަހަކަށްވީ ލިވަޕޫލްގެ ގޯލްކީޕަރު އެލިސަންއެވެ.

ރޭގެ މެޗަށްފަހު ވާހަކަދައްކަމުން ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނީ ނަތީޖާއާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި މުޅި މެޗުގައި ޖުމްލަ ގޮތެއްގައި ޓީމުގެ ފަރާތުން ފެނުނީ ރަނގަޅު ކުޅުމެއް ކަމަށެވެ. އަދި ދެ ގޯލުގެ ލީޑެއް ފުރަތަމަ ލެގުގައި ލިބިފައިވީ ނަމަވެސް ދެވަނަ ލެގުގެ މެޗުވެސް ވަރަށް ވާދަވެރިވާނެ ކަމަށް ކްލޮޕް ބުންޏެވެ.

ޕޯޓޯގެ ދަނޑުގައި މި ދެ ޓީމު ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ މި މަހުގެ 17 ވަނަ ދުވަހުގެރެއެވެ.