Last Updated: April 19, 22:45
Saturday, April 20, 2024
ކުޅިވަރު

ޔުނައިޓެޑް އަތުން ބާސާ އަށް މުހިއްމު މޮޅެއް

ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލްގެ ފުރަތަމަ ލެގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑްގެ މައްޗަށް 1-0 އިން ބާސެލޯނާ ކުރި ހޯދައިފިއެވެ.

ޔުނައިޓެޑްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ބާސާ އިން ކާމިޔާބުކުރީ މެޗުގެ 12 ވަނަ މިނެޓްގައެވެ. މި ގޯލަކީ ޔުނައިޓެޑްގެ ޑިފެންޑަރު ލޫކް ޝޯ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. އަދި ލީޑު ފުޅާކޮށްލަން ފުރަތަަމަ ހާފްގެ ފަހު މިނެޓްގައި ކުޓީނިއޯ އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި އެ ހަމަލާ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެޔާ ވަނީ ދިފާއުކޮށްފައެވެ.

މި ހާފުގައި ޔުނައިޓެޑަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އެޓީމުގެ ޑިފެންޑަރު ޑަލޮޓް އަށެވެ. ނަމަވެސް ބާސާގެ ޕެނަލްޓީއޭރިއާ ތެރޭ ފުދޭވަރަކަށް ހުހަށް ހުރެ އޭނާ ބޮލުން ފޮނުވާލި ހަމަލާ ވަނީ ގޯލާ އަމާޒުވާ ގޮތް ނުވެފައެވެ.

މެޗުގެ ދެވަނަ ހާފްގައި ޔުނައިޓެޑުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ގޯލްޖަހާނެ މާ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވެއެވެ. އެގޮތުން މި ހާފުގައި ޔުނައިޓެޑަށް ގޯލެއް ކާމިޔާބުކުރަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ރަޝްފޯޑަށް ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

މީގެއިތުރުން ބާސާގެ ފޯވާޑް ލުއިސް ސުއަރޭޒަށް ވެސް ރަނގަޅު ފުރުސަތެއް ލިބިފައިވެއެވެ. ނަމަވެސް ޔުނައިޓެޑްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ސުއަރޭޒް ފޮނުވާލި ހަމަލާ ވެސް ދިޔައީ ބޭރަށެވެ.

ފުރަތަމަ ލެގުން ބާސާ މޮޅުވެފައިވާއިރު މި ދެ ޓީމު ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ރެއެވެ.