Last Updated: April 25, 21:20
Thursday, April 25, 2024
ކުޅިވަރު

އަޔެކްސް އިން ޔުވެންޓަސް ހިފަހައްޓައިފި

ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލްގެ ފުރަތަމަ ލެގުގައި ރޭ ޔުވެންޓަސް އާއި އަޔެކްސް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެގެން ނިމިއްޖެއެވެ.

އަޔެކްސްގެ ދަނޑުގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މެޗުގެ ކުރީކޮޅު އަޔެކްސް އިން ވަނީ ޔުވެންޓަސްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން ހާކިމް ޒިޔެކް ފޮނުވާލި ދެ ހަމަލާއެއް ޔުވެންޓަސްގެ ކީޕަރު ޝެޒްނީ ދިފާއުކުރިއިރު ޑޮނީ ވެން ޑެ ބީކް އާއި ޝޯން ފޮނުވާލި ދެ ހަމަލާއެއް ދިޔައީ ޔުވެންޓަސްގެ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ.

ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމެންދަނިކޮށް ހާފްގެ ފަހު މިނެޓްގައި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ޔުވެންޓަސް އަށް މެޗުގެ ލީޑު ނަގާދީފައެވެ. ރޮނާލްޑޯ މި ގޯލު ކާމިޔާބުކުރީ އަޔެކްސްގެ ޕެނަލްޓީއޭރިއާތެރޭ މުޅިން ހުހަށް ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.

ޔުވެންޓަސް ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގެ ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް ޑޭވިޑް ނެރޭސް ވަނީ އަޔެކްސް އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަޔެކްސްގެ މި ގޯލަށްފަހު ދެ ޓީމުން ވެސް ލީޑު އަލުން ނެގުމަށް ދިޔައީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ.

އެގޮތުން މެޗުގެ ފަހުކޮޅު ދެ ޓީމަށްވެސް ގޯލްޖަހާނެ ފުރުސަތުތަކެއް ލިބުނުއިރު، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފްގައި ކުޅެން އެރި ޔުވެންޓަސްގެ ވިންގާ ޑަގްލަސް ކޮސްޓާ ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ދަނޑި އަށް ވެސް އަމާޒުވެފައިވެއެވެ.

ފުރަތަމަ ލެގުގެ މެޗުން ދެ ޓީމުވެސް އެއްވަރުވެފައިވާއިރު، ޔުވެންޓަސްގެ ދަނޑުގައި ކުޅޭ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ރެއެވެ.