Last Updated: April 25, 12:03
Thursday, April 25, 2024
ވިޔަފާރި

މަންތާ އެއަރގެ ދަތުރުތައް ދަރަވަންދޫ އަށް ފަށައިފި

މަންތާ އެއަރގެ ދަތުރުތައް ބ. ދަރަވަންދޫއަށް މިއަދު ފަށައިފިއެވެ.

މަންތާ އެއަރއިން ދަރަވަންދޫއަށް ދުވާލަކު ދެ ދަތުރު ކުރުމަށް ވަނީ ނިންމާފައެވެ. ދަރަވަންދޫ އަކީ އެއަރލައިނުން ދަތުރުކުރާ ދެވަނަ މަންޒިލަށެވެ.

މަންތާ އެއަރ އިން ދަތުރުކުރަން ފެށި ފުރަތަމަ މަންޒިލަކީ ދ. ކުޑަހުވަދޫއެވެ. އެގޮތުން ކޮންމެ ދުވަހަކު ކުޑަހުވަދޫ އެއާޕޯރޓަށް ހަތަރު ދަތުރު އެ އެއާލައިނުން ކުރެއެވެ. މަންތާ އެއަރގެ ދަތުރުތައް ރަސްމީކޮށް ފަށާފައިވަނީ މިދިޔަ ފެބްރުއަރީ މަހުއެވެ.

މަންތާ އެއަރ ދަތުރުތައް ދަރަވަންދޫއަށް ފަށާފައިވަނީ ހާއްސަ ޕްރޮމޯޝަނެއްވެސް ހިމެނޭ ގޮތަށެވެ.

އެ ޕްރޮމޯޝަނުގައި އުމުރުން ދޮށީ މީހަކަށް އެއްކޮޅު ޓިކެޓް -/499 (ހަތަރު ސަތޭކަ ނުވަދިހަ ނުވަ ރުފިޔާ) އަށް ވިއްކުމަށް މަންތާ އެއަރއިން ނިންމާފައިވާއިރު ކުޑަ ކުއްޖަކަށް -/249 (ދުއިސައްތަ ސާޅީސް ނުވަ ރުފިޔާއަށް) އެއްކޮޅު ޓިކެޓު ވިއްކުމަށް އެ ކުންފުނިން ވަނީ ނިންމާފައެވެ.