Last Updated: April 16, 13:02
Tuesday, April 16, 2024
ކުޅިވަރު

އާސެނަލް އާއި ޗެލްސީ ސެމީއާ ގާތަށް

ޔޫރޮޕާ ލީގުގެ ކުއާޓާފައިނަލްގެ ފުރަތަމަ ލެގުގެ މެޗުތައް ކާމިޔާބުކޮށް ޗެލްސީ އާއި އާސެނަލް މުބާރާތުގެ ސެމީފައިނަލާ ގާތަށް ޖެހިލައިފިއެވެ.

ކުއާޓާފައިނަލްގެ ފުރަތަމަ ލެގުގެ މެޗުން އާސެނަލް ރޭ މޮޅުވީ އިޓަލީގެ ނަޕޯލީއާ ބައްދަލުކޮށް 2-0 އިންނެވެ.

އާސެނަލްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ 25 މިނެޓްތެރޭ އެޓީމުން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން އާސެނަލްގެ ފުރަތަމަ ގޯލު މެޗުގެ 14 ވަނަ މިނެޓްގައި އާރޮން ރަމްސޭ ކާމިޔާބުކޮށްދިންއިރު އެޓީމުގެ ދެވަނަ ގޯލަކީ ނަޕޯލީގެ ޑިފެންޑަރު ކުލިބާލީ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

މި ދެ ގޯލަށްފަހު ވެސް އާސެނަލް އިން ވަނީ ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް އޮބަމަޔަންގް އާއި މެއިޓްލައިންޑް ނައިލްސް އަދި ރަމްސޭ ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ނަޕޯލީގެ ޒުވާން ގޯލްކީޕަރު މެރެޓްއެވެ.

މި މެޗުގައި ނަޕޯލީއަށް ގޯލެއް ކާމިޔާބުކުރަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އެޓީމުގެ ކެޕްޓަން ލޮރެންްޒޯ އިންސިންޔޭ އަށެވެ. ނަމަވެސް އާސެނަލްގެ ޕެނަލްޓީއޭރިއާތެރޭ ފުދޭވަރަކަށް ހުހަށް ހުރެ އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

ކުއާޓާގެ ފުރަތަމަ ލެގުގެ މެޗުން ޗެލްސީ ރޭ މޮޅުވީ ޗެކް ރިޕަބްލިކްގެ ސްލާވިއާ ޕްރާގްއާ ބައްދަލުކޮށް 1-0 އިންނެވެ.

ސްލާވިއާ ޕްރާގްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވާއިރު، މި ހާފުގައި ގޯލެއް ކާމިޔާބުކުރަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ޗެލްސީގެ ވިލިއަން އަށެވެ. ނަމަވެސް އޭނާ ފޮނުވާލި އެ ހަމަލާ އަމާޒުވީ ސްލާވިއާ ޕްރާގްގެ ގޯލުގެ ދަނޑި އަށެވެ.

ފުރަތަމަ ހާފާ ހިލާފަށް ދެވަނަ ހާފްގައި ސްލާވިއާ ޕްރާގުގެ ފަރާތުން ވެސް ވަނީ ޗެލްސީގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. އެ ހަމަލާތަށް ދިފާއުކުރުމުގައި ޗެލްސީގެ ކީޕަރު ކެޕާގެ ހުޝިޔާރުކަން ފެނުނުއިރު، މި މެޗުގައި ޗެލްސީން ކާމިޔާބުކުރި ހަމައެކަނި ގޯލު ވިލިއަން ނަގައިދިން ހުރަހަކުން މެޗުގެ 86 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރު މާކޮސް އޮލޮންސޯއެވެ.

ޔޫރޮޕާ ލީގުގެ ކުއާޓާގެ ދެވަނަ ލެގުގެ މެޗުތަށް އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ރެއެވެ.