Last Updated: April 24, 06:35
Wednesday, April 24, 2024
ކުޅިވަރު

މި ސީޒަނުގައި ދެން ކޭން ފެނުމުގެ ފުރުސަތު ކުޑަ: ޕޮޗެޓީނޯ

އަނިޔާގެ ސަބަބުން މި ސީޒަނުގައި ޓޮޓެންހަމް އަށް ކުޅެމުން އަންނަ އިންގްލޭންޑްގެ ފޯވާޑް ހެރީ ކޭން ދެން ފެނުމުގެ ފުރުސަތު ކުޑަ ކަމަށް އެޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ.

ކޭންގެ ފައިގެ ކުޑަހުޅަށް އަނިޔާވީ ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލްގެ ފުރަތަމަ ލެގުގައި މިދިޔަ އަންގާރަ ދުވަހުގެރޭ މެންޗެސްޓަރ ސިޓީގެ މައްޗަށް 1-0 އިން ޓޮޓެންހަމުން ކުރި ހޯދި މެޗުގައެވެ.

ކޭން އަށް ލިބުނު އަނިޔާއާ ގުޅޭގޮތުން ވާހަކަދައްކަމުން ޓޮޓެންހަމްގެ ކޯޗު ޕޮޗެޓީނޯ ބުނީ މި ސީޒަނުގައި ބާކީ ދެން އޮތީ އެންމެ ފަސް ހަފްތާ ކަމަށާއި އެހެންކަމުން އެ މުއްދަތުގެ ތެރޭގައި އަލުން އެނބުރި ކުޅުމުގެ ތެރެއަށް އޭނާ އައުމަކީ އުނދަގޫ ކަމެއް ކަމަށެވެ.

"އަންނަ ހަފްތާގައި ސްޕެޝަލިސްޓުންނާއި އަހަރުމެން ވާހަކަ ދައްކާނަން. ކޭން އަނިޔާ އިން ވީހާވެސް އަވަހަކަށް ރަނގަޅު ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން. އެކަމަކު ބާކީ އޮތީ އެންމެ ފަސް ހަފްތާ" ޕޮޗެޓީނޯ ބުންޏެވެ.

މިއީ ކޭން އަށް އުނދަގޫ ވަގުތެއް ކަމަށާއި އެ މެޗަށްފަހު އޭނާ ހުރީ ވަރަށް ބޮޑަށް ދެރަވެފައި ކަމަށްވެސް ޕޮޗެޓީނޯ ބުންޏެވެ. ކޭން ވަނީ މި ސީޒަނުގެ މިހާތަނަށް 24 ގޯލު ޓޮޓެންހަމް އަށް ކާމިޔާބުކޮށްދީފައެވެ.

ކޭން އަށް އަނިޔާވިއިރު ޗެމްޕިއަންސް ލީގުގެ ކުއާޓާގެ ދެވަނަ ލެގާއި، ޕްރިމިއާ ލީގުގައި ވެސް އެޓީމަށް މުހިއްމު މެޗުތަކެއް ބާކީ އަދި އެބަހުއްޓެވެ. އެގޮތުން ލީގުގެ ގަދަ ހަތަރެއްގެ ޖާގައެއް ކަށަވަރު ކުރުމަށް ޓޮޓެންހަމް އިން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.