Last Updated: March 29, 14:00
Friday, March 29, 2024
ކުޅިވަރު

ލީގުގެ ފުލުގައި އޮތް ޓީމު އަތުން ބާސާ އެއްވަރުވެއްޖެ

ސްޕެނިޝް ލީގުގެ ފުލުގައި އޮތް ހުއެސްކާ އިން ލީގުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ 0-0 އިން އެއްވަރުކޮށްފިއެވެ.

މި ނަތީޖާއާއެކު ލީގުގެ އެއްވަނައިގައި ބާސާ މިހާރު އޮތީ 74 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި 65 ޕޮއިންޓާ އެކު އޮތީ އެތްލެޓިކޯ މެޑްރިޑެވެ. ލީގުގެ ފުލުގައި ހުއެސްކާ އޮތީ 25 ޕޮއިންޓާ އެކުއެވެ.

ހުއެސްކާގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ބާސާގެ މުހިއްމު ކުޅުންތެރިން ކަމަށްވާ ލިއޮނަލް މެސީ އާއި ލުއިސް ސުއަރޭޒް އާއި ޖެރާޑް ޕީކޭ އާއި ސާޖިއޯ ބުސްކެޓްސްގެ އިތުރުން އިވާން ރަކިޓިޗް ކުޅެފައެއް ނުވެއެވެ.

މުހިއްމު ކުޅުންތެރިން ކުޅެފައިނުވާއިރު ރޭގެ މެޗަށް ބާސާ އިން ނެރުނު ފުރަތަމަ އެގާރާގައި ހިމެނިގެން ސްޕެނިޝް ލީގުގައި އަލަށް ހަތަރު ކުޅުންތެރިއަކު ކުޅެފައިވެއެވެ. އެއީ ތިން ޑިފެންޑަރުން ކަމަށްވާ ޓޮޑިބޯ އާއި މުރީލޯ އާއި މޫސާ ވޭގްގެ އިތުރުން ޒުވާން މިޑްފީލްޑަރު ރިކުއީ ޕުއިގްއެވެ.

މާ ފޯރިގަދަ ކުޅުމެއް މި މެޗުގައި ފެނިގެން ގޮސްފައިނުވާއިރު ގޯލެއް ކާމިޔާބުކުރަން އެންމެ ރަނގަޅު ފުރުސަތެއް ލިބިފައިވަނީ ބާސާގެ މެލްކޮމް އަށެވެ. ނަމަވެސް އޭނާ ފޮނުވާލި އެ ހަމަލާ އަމާޒުވީ ހުއެސްކާގެ ގޯލުގެ ދަނޑި އަށެވެ.

ލީގުގެ އެއްވަނައިގައި ނުވަ ޕޮއިންޓުގެ ލީޑެއްގައި އޮތް ބާސާގެ މުހިއްމު ގިނަ ކުޅުންތެރިންތަކެއް ރޭގެ މެޗުގައި ކުޅެފައިނުވަނީ އަންނަ އަންގާރަ ދުވަހު ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލްގެ ދެވަނަ ލެގުގައި މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗު އޮތުމާ ގުޅިގެންނެވެ. މި ދެ ޓީމު ޔުނައިޓެޑްގެ ދަނޑުގައި ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު 1-0 އިން ކާމިޔާބުކުރީ ބާސާ އިންނެވެ.