Last Updated: April 24, 21:16
Wednesday, April 24, 2024
ކުޅިވަރު

ސަންޗޯގެ ދެ ގޯލުން ޑޯޓްމަންޑް އަލުން އެއްވަނަ އަށް

ޖޭޑަން ސަންޗޯގެ ދެ ގޯލުން މެއިންޒްގެ މައްޗަށް 2-1 އިން ކުރި ހޯދާ ޖަރުމަނު ލީގުގެ އެއްވަނަ މަގާމަށް ބްރޫޝިއާ ޑޯޓްމަންޑު އަރައިފިއެވެ.

މި މޮޅާއެކު ލީގުގެ އެއްވަނައިގައި ޑޯޓްމަންޑް އޮތީ 66 ޕޮއިންޓާ އެކުއެވެ. ނަމަވެސް ލީގުގައި މިރޭ ބަޔާން މިއުނިކް ކުޅޭ މެޗުން މޮޅުވެއްޖެނަމަ ޑޯޓްމަންޑަށް ލީގުގެ އެއްވަނަ މަގާމު ގެއްލޭނެއެވެ. ލީގުގެ ދެވަނައިގައި ބަޔާން މިވަގުތު އޮތީ 64 ޕޮއިންޓާ އެކުއެވެ.

ޑޯޓްމަންޑުގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު އެޓީމަށް މެޗުގެ 17 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ސަންޗޯއެވެ. އަދި މެޗުގެ 24 ވަނަ މިނެޓްގައި ޑޯޓްމަންޑުގެ ދެވަނަ ގޯލުވެސް ކާމިޔާބުކޮށްދިނީ އިނގިރޭސިވިލާތަށް އުފަން އުމުރުން 19 އަހަރުގެ ސަންޗޯއެވެ. މި ދެ ގޯލާއެކު މި ސީޒަނުގައި ސަންޗޯ ކާމިޔާބުކުރި ގޯލުގެ އަދަދު މިހާރު ވަނީ 12 އަށް އަރާފައެވެ.

މި މެޗުގައި މެއިންޒް އިން ކާމިޔާބުކުރި ހަމައެކަނި ގޯލު މެޗުގެ 83 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ކުއިސަންއެވެ. އަދި މެޗުގެ ފަހު ވަގުތުކޮޅުތެރޭ ނަތީޖާ އެއްވަރުކޮށްލަން މެއިންޒްގެ އެންތޮނީ އުޖާ އަށް ރަނގަޅު ތިން ފުރުސަތު ލިބުނު ނަމަވެސް އޭނާ ފޮނުވާލި އެ ތިން ހަމަލާވެސް ޑޯޓްމަންޑުގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.