Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

އެއްވެސް ދާއިރާއެއްގެ އިންތިހާބެއް ބާތިލުކުރާނެ ހުއްޖަތެއް ނުދެއްކޭނެ: ޝަރީފް

އީސީގެ ރައީސް އަހްމަދު ޝަރީފް - ފޮޓޯ: އަހްމަދު ނާއިމް (އަވަސް)

ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ އެއްވެސް ދާއިރާއެއްގެ އިންތިހާބެއް ބާތިލުކުރާނެ ގާނޫނީ ހުއްޖަތެއް ނުދެއްކޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވެފައިވަނީ ބ. ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާނެ ކަމަށް ބުނާ އޯޑިއޯއެއް ލީކުވެފައިވާ ދަނޑިވަޅެއްގައެވެ.

ލީކުވެފައިވާ އޯޑިއޯގައި ދެ މީހަކު ވާހަކަދައްކާއިރު އެތަނުން އެކަކު ބުނެފައިވަނީ އެ ގޮނޑި ބާތިލްކުރުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަން ނިންމާފައި ވަނީ އާދިއްތަ ދުވަހުގެ ހެނދުނު ކަމަށެވެ.

ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅިއަސް ނިމޭނެ ގޮތް ނޭނގޭ ކަމަށް އެތަނުން އެކަކު ބުނާއިރު، އޭގެ ޖަވާބުގައި އަނެއް މީހާ ވަނީ އެއީ ގެރެންޓީ އެއްޗެއް ކަމަށާއި ވަކީލު މާ ގިނަ އަޑުއެހެންތަކަށް ދާން ނުޖެހޭނެ ކަމަށެވެ. އަދި ސުޕްރީމް ކޯޓުން އެކަމުގައި އަމުރެއް ނެރޭނެ ކަމަށްވެސް ބުނެފައިވެއެވެ.

އަދި އެ މައްސަލާގައި މާބޮޑު ވަކާލާތު ކުރުންތަކެއް ނޯންނާނެ ކަމަށް ވެސް އެމީހާ ބުނެފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރަސްމީ ނަތީޖާ އިން ދައްކާ ގޮތުން ތުޅާދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސެއިން އެވެ.