Last Updated: April 16, 09:59
Tuesday, April 16, 2024
ކުޅިވަރު

ޗެލްސީ ބަލިކޮށް ލިވަޕޫލުން މަގާމު ދަމަހައްޓައިފި

މުހައްމަދު ސަލާހު

2-0 އިން ޗެލްސީ ބަލިކުރުމަށްފަހު ޕްރިމިއާ ލީގުގެ އެއްވަނަ މަގާމު ލިވަޕޫލުން ދަމަހައްޓައިފިއެވެ.

މި މޮޅާއެކު ލީގުގެ އެއްވަނައިގައި ލިވަޕޫލް މިހާރު އޮތީ 85 ޕޮއިންޓާ އެކުއެވެ. ލިވަޕޫލަށް ވުރެ އެއް މެޗު މަދުން ކުޅެ 83 ޕޮއިންޓާ އެކު ލީގުގެ ދެވަނައިގައި މެންޗެސްޓަރ ސިޓީ އޮތްއިރު ތިންވަނައިގައި 67 ޕޮއިންޓާ އެކު އޮތީ ޓޮޓެންހަމްއެވެ. އަދި ރޭގެ މެޗުން ބަލިވި ޗެލްސީ އޮތީ 66 ޕޮއިންޓާ އެކު ލީގުގެ ހަތަރުވަނައިގައެވެ.

ލިވަޕޫލްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވާއިރު، މި ހާފުގައި ލިވަޕޫލް އިން ވަނީ ޗެލްސީގެ ގޯލަށް ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލާފައެވެ. އެގޮތުން މުހައްމަދު ސަލާހު ފޮނުވާލި ހަމަލާ ޗެލްސީގެ ކީޕަރު ކެޕާ ދިފާއުކުރިއިރު ސަޑިއޯ މާނޭ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ.

ފުރަތަމަ ހާފްގައި ޗެލްސީ އަށް ގޯލެއް ކާމިޔާބުކުރަން މާ ރަނގަޅު ފުރުސަތެއް ލިބިފައިނުވާއިރު މެޗުގެ 51 ވަނަ މިނެޓްގައި މާނޭ ވަނީ ލިވަޕޫލަށް ލީޑު ނަގާދީފައެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ޗެލްސީގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.

މި ގޯލަށްފަހު ވެސް ޗެލްސީގެ ޑިފެންސްލައިނަށް ލިވަޕޫލުން ބާރުބޮޑު ކުރަމުންދިޔައިރު، މެޗުގެ 53 ވަނަ މިނެޓްގައި ސަލާހު ވަނީ ހިތްގައިމު ގޯލެއް ކާމިޔާބުކޮށް ލިވަޕޫލްގެ ލީޑު ފުޅާކޮށްދީފައެވެ. ސަލާހު މި ގޯލު ކާމިޔާބުކުރީ ޗެލްސީގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުންނެވެ. މިއީ މި ސީޒަނުގައި ސަލާހު ކާމިޔާބުކުރި 22 ވަނަ ގޯލެވެ.

ލިވަޕޫލްގެ ދެވަނަ ގޯލާއެކު ޗެލްސީން ކުޅުން ރަނގަޅު ކުރިއިރު އެޓީމުގެ އެޑެން ހަޒާޑަށް ވަނީ ނަތީޖާ އެއްވަރުކޮށްލަން ރަނގަޅު ދެ ފުރުސަތެއް ލިބިގެން ގޮސްފައެވެ. އެގޮތުން ހަޒާޑް ފޮނުވާލި ފުރަތަމަ ހަމަލާ ގޯލުގެ ދަނޑި އަށް އަމާޒުވިއިރު އަނެއް ހަމަލާ ދިފާއުކުރީ ލިވަޕޫލްގެ ކީޕަރު އެލިސަންއެވެ.

ލީގުގެ އެއްވަނައިގައި ދެ ޕޮއިންޓުގެ ލީޑަކާއެކު ލިވަޕޫލް އޮތްއިރު ލީގުގައި އެޓީމަށް ދެން އޮތީ ބާކީ އެންމެ ހަތަރު މެޗެވެ. ލިވަޕޫލާ އެންމެ ގާތުން ލީގަށް ވާދަކުރާ ސިޓީ އަށް އަދި ބާކީ ފަސް މެޗު އެބައޮތެވެ.