Last Updated: April 25, 11:51
Thursday, April 25, 2024
ކުޅިވަރު

ލިލް އިން ޕީއެސްޖީ ކޮޅަށް ފަސް ލަނޑު ޖަހައިފި

ޕީއެސްޖީގެ ފޯވާޑް ކިލިއަން އެމްބާޕޭ

ފްރެންޗް ލީގުގައި ރޭ ލިލް އިން ވަރުގަދަ ޕީއެސްޖީގެ މައްޗަށް 5-1 ގެ ތަފާތު ބޮޑު ނަތީޖާ އަކުން ކުރި ހޯދައިފިއެވެ.

މި މެޗުން ބަލިވި ނަމަވެސް 81 ޕޮއިންޓާ އެކު ޕީއެސްޖީ އޮތީ ލީގުގެ އެއްވަނައިގައެވެ. ލިލް އޮތީ 64 ޕޮއިންޓާ އެކު ލީގުގެ ދެވަނައިގައެވެ. އަންނަ ބުދަ ދުވަހުގެރޭ ނަންޓަސްގެ މައްޗަށް ޕީއެސްޖީން ކުރި ހޯދައިފިނަމަ އެޓީމަށް ފްރެންޗް ލީގުގެ ޗެމްޕިއަންކަން ލިބޭނެއެވެ.

ލިލްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ހަތްވަނަ މިނެޓްގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. ލިލްގެ މި ގޯލަކީ ޕީއެސްޖީގެ ޑިފެންޑަރު ތޯމަސް މުނިއޭ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. ނަމަވެސް މެޗުގެ 11 ވަނަ މިނެޓްގައި ހުއާން ބާނެޓް ވަނީ ޕީއެސްޖީ އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މެޗުގެ 36 ވަނަ މިނެޓްގައި ލިލްގެ ކުޅުންތެރިއަކަށް ކުރި ފައުލަކާ ގުޅިގެން ބާނެޓް އަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލިއިރު މެޗުގެ ބާކީބައި ޕީއެސްޖީން ފުރިހަމަ ކުރަން ޖެހުނީ 10 ކުޅުންތެރިންނާ އެކުއެވެ.

އެގޮތުން ލިލްގެ ދެވަނަ ގޯލު މެޗުގެ 51 ވަނަ މިނެޓްގައި ނިކޮލަސް ޕެޕޭ ކާމިޔާބުކޮށްދިންއިރު އެޓީމުގެ ތިންވަަނަ ގޯލު މެޗުގެ 65 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ބަމްބާއެވެ. އަދި މެޗުގެ 71 ވަަނަ މިނެޓްގައި ޑޮސް ސަންޓޯސް ލިލްގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދިންއިރު އެޓީމުގެ ފަހު ގޯލު މެޗުގެ 84 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ހޯޒޭ ފޮންޓޭއެވެ.

މިއީ 2000 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހަށްފަހު ފްރެންޗް ލީގުގެ މެޗެއްގައި ޕީއެސްޖީ ކޮޅަށް ޓީމަކުން ފަސް ލަނޑު ކާމިޔާބުކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ކުރިއަށް އޮތް މެޗުން މޮޅުވެގެން ޕީއެސްޖީ އަށް ލީގު ކަށަވަރުކުރުމުގެ ފުރުސަތު ހުޅުވިފައިވާއިރު، އެޓީމުން ވަނީ މީގެކުރިން ލީގު ހަތް ފަހަރެއްގެ މަތިން ކާމިޔާބުކޮށްފައެވެ.