Last Updated: April 25, 22:42
Thursday, April 25, 2024
ސިޔާސީ

އެންއައިސީގެ މެންބަރުކަމަށް ކުރިމަތިލި 26 ބޭފުޅުންގެ ނަންތައް ދިރާސާ ކުރަން ފޮނުވައިފި

2015 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން - ފޮޓޯ: މަޖިލިސް

ހުސްވެފައިވާ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މެންބަރުކަމަށް 26 ބޭފުޅަކު ކުރިމަތިލައިފިއެވެ.

މިއަދު ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރިޔާސަތުގައި އިންނެވި ޤާސިމް އިބްރާޙީމް ވަނީ އެ ބޭފުޅުންގެ ނަންތައް ދިރާސާ ކުރުމަށް މިނިވަން މުޢައްސަސާތަކާއި ބެހޭ ކޮމެޓީއަށް ފޮނުވާފައިވާ ކަމަށް ވިދާޅުވެފައެވެ.

އެންއައިސީގެ މެންބަރު ކަމަށް ބޭފުޅަކު ޢައްޔަން ކުރުމަށް ހުޅުވާލީ އެ ކޮމިޝަންގެ ކުރީގެ ރައީސްކަމުގައި ހުންނެވި މުޙައްމަދު ފަރުޙާދު މަޤާމުން އިސްތިއުފާ ދެއްވުމުންނެވެ. ފަރުޙާދަކީ އެ ކޮމިޝަން އެންމެ ފުރަތަމަ އެކުލަވާލިއިރު ކޮމިޝަންގެ ރައީސްކަމަށް ހަމަޖެއްސި ބޭފުޅާއެވެ. ނަމަވެސް ފަހުން ފަރުހާދު ވަކި ކުރައްވާ އެ ކޮމިޝަންގެ ރައީސް ކަމަށް ވަނީ ކޮމިޝަންގެ ނާއިބު ރައީސްކަމުގެ މަޤާމުގައި ހުންނެވި ޔޫސުފު މާނިއު މުހައްމަދު ކޮމިޝަންގެ ރައީސް ކަމަށް ހަމަޖައްސާފައެވެ.

ފަރުހާދު ވަކިކޮށް ރައީސްކަމުގެ މަގާމަށް މާނިއު އައްޔަންކުރި ނަމަވެސް ފަހުން މާނިއުވެސް ވަނީ އެ މަގާމުން ވަކި ކުރައްވާފައެވެ. އެއީ އެންއައިސީން ކުރާ ތަހުގީގުތަކަށް އޭރުގެ ފުލުހުންގެ އިސްވެރިންތަކެއް ހުރަސްއަޅާ ކަމަށް މާނިއު ވިދާޅުވެ އެފަދަ ބޭފުޅުންނާއި މެދު ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފައި ވަނިކޮށެވެ.

އެންއައިސީއަކީ ކުރިން ޕީއައިސީ އިން ބަލަމުން ދިޔަ ފުލުހުންގެ މައްސަލަތަކާއި ސީއައިސީ އިން ކުރިން ބަލަމުން ދިޔަ ކަސްޓަމްސްގެ މައްސަލަތަކާއި އިމިގްރޭޝަން ޑިޕާޓްމަންޓުގެ މައްސަލަތަކާއި އަދި ކަރެކްޝަނަލް ސާވިސްއާ ގުޅޭ މައްސަލަތައް ބަލަން އުފައްދާފައިވާ ކޮމިޝަނެކެވެ. މި ކޮމިޝަނަކީ ޤާނޫނީ ވަކި ޝަހުސެކެވެ. މި ކޮމިޝަންގައި ފަސް މެންބަރުން ތިއްބަވާނެއެވެ.

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ގާނޫނު ތަންފީޒު ކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަފުން ކުރާ ގާނޫނާ ހިލާފު އަމަލުތައް ބަލައި ތަހުގީގު ކުރުން ހިމެނެއެވެ. އަދި އެފަދަ އަމަލެއް ކަމަށް ތުހުމަތު ކުރެވޭ އަމަލެއް އެއްވެސް ފަރާތަކުން ހިންގައިފި ކަމަށް ނުވަތަ ހިންގަން އުޅޭ ކަމަށް ތުހުމަތުކޮށް، އެފަދަ މައްސަލައެއް ހުށަހަޅައިފި ނަމަ އެކަމެއް ވެސް ބަލައި ތަހުގީގު ކުރަން އެ ކޮމިޝަނަށް ލާޒިމުވާނެ އެވެ.