Last Updated: June 17, 14:47
Monday, June 17, 2019
ސިޔާސީ

ސަޕޯޓަރުން އެދޭނަމަ ޕާޓީއާ ދުރަށްދާން މިހުރީ ތައްޔާރަށް: ޔާމީން

ރައީސް ޔާމީން ގއ. ވިލިނގިއްޔަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

ޕީޕީއެމްގެ ލީޑަރުކަމުން ދުރަށް ވަޑައިގަތުމަށް ތައްޔާރަށް ހުންނެވި ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވެފައި މިވަނީ ޕީޕީއެމްގެ ލީޑަރޝިޕު ފެއިލްވެފައިވާ ކަމަށާއި ލީޑަރޝިޕު އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް ޕީޕީއެމްގެ މެންބަރު އަދި ވިލިމާލެ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު އަޙްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެފައިވެސް ވަނިކޮށެވެ.

ނަން ހާމަކުރަން ބޭނުންނުވާ ޕީޕީއެމްގެ ކައުންސިލް މެންބަރަކު އައްޑޫ ލައިވްއާ ވާހަކަދައްކަވަމުން މިއަދު ވިދާޅުވީ އެޕާޓީން މިހާތަނަށް ވާދަކުރި ހުރިހާ އިންތިޚާބެއްގައިވެސް މިހާތަނަށް ކުރިމަތިލާން ޖެހުނީ ނާކާމިޔާބީއާ ކަމަށެވެ. އަދި ޚާއްސަކޮށް ރިޔާސީ އިންތިޚާބާއި ރައްޔިތުން މަޖިލިސް އިންތިޚާބުގައި ވާދަކޮށް ޕީޕީއެމްއަށް ބޮޑު ނާކާމިޔާބީއެއް ލިބިގެން ދިއުމަކީ ޕާޓީގެ ކައުންސިލްގައި ތިއްބެވި ގިނަ ބޭފުޅުންނާއި ޕާޓީގެ އާއްމު މެންބަރުންނަށް ހަޖަމު ކުރަން ފަސޭހަ ކަމަކަށްނުވި ކަމަށް އޭނާ ވިދާޅުވިއެވެ.

"އަސްލު މިވާ ގޮތަކީ މީގެ ހަފްތާއެއްހާ ދުވަސްކުރިންވެސް މިކަމުގައި ކައުންސިލް މެންބަރުން ހިމެނިވަޑައިގަންނަވާ ގްރޫޕެއްގައި މިކަމުގައި ވަރަށް ބޮޑަށް ބަހުސް ކުރެވިގެންދިޔަ. އަދި އެ ދުވަހު ރައީސް ޔާމީން ވިދާޅުވީ ކައުންސިލް މެންބަރުން އެގޮތަށް އެދިވަޑައިގަންނަވާނަމަ އެކަން ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށް،" ޕީޕީއެމް ކައުންސިލް މެންބަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީން ޕާޓީގެ ލީޑަރޝިޕުން ދުރައް ވަޑައިގަތުމަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވާ ވިދާޅުވުން އަނެއްކާވެސް ރޭގެ ވަގުތެއްގައި ތަކުރާރު ކުރައްވާފައިވާ ކަމަށެވެ. އެގޮތުން ޕީޕީއެމްގައި ރައީށް ޔާމީނަށް ސަޕޯޓުކުރާ ފަރާތްތައް ހިމެނޭ ގްރޫޕެއްގައި އެމަނިކުފާނު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ޕާޓީއާ ދުރަށް ޖެހިވަޑައިގަތުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ. އަދި އެކަން ނިންމާނީ ސަޕޯޓަރުންނާއި ޕާޓީން ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި ކަމަށް އޭނާ ވިދާޅުވިއެވެ.

"ތިކުދިން މިއަދުވެސް ނިންމާ. އަހަރެން ދުރަށް ޖެހިލާނަން. އަހަރެންގެ ފެމިލީ އާދޭސް ކުރޭ ދުރަށް ޖެހިލަން،" ރައީސް ޔާމީންގެ މެސެޖުގައި ވިދާޅުވިއެވެ.

ކައުންސިލް މެންބަރު ވިދާޅުވީ ރައީސް ޔާމީންގެ މެސެޖުގައި ޕާޓީގެ އިސް މަޤާމުތަކަށް ބަދަލު ގެނެވިދާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. ނަމަވެސް އަލަށް ޕާޓީގެ ލީޑަރޝިޕާއި ހަވާލުވާ ފަރާތްތަކުންވެސް ކެރިގެން ޒިންމާ ނަގަންވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށް ކައުންސިލް މެންބަރު ވިދާޅުވިއެވެ.

ޕީޕީއެމްގެ ލީޑަރޝިޕުން ދުރަށް ޖެހިވަޑައިގަތުމަށް ރައީސް ޔާމީން ތައްޔާރަށް ހުންނެވި ކަމަށް އެމަނިކުފާނު ވިދާޅުވިއިރު އެމަނިކުފާނުގެ ވެރިކަމުގައި ހޯމް މިނިސްޓަރު އުމަރު ނަސީރާއި ރައީސް ޔާމީން ސަރުކާރުގެ ފުރަތަމަ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ޕީޕީއެމްއާ ގުޅެން ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ކަމަށް ދާދިފަހުން ބޭއްވި ކައުންސިލް ބައްދަލުވުމެއްގައި ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.