Last Updated: March 28, 16:21
Thursday, March 28, 2024
ޚަބަރު

"ބިން މިލްކު ކުރެވޭ ގޮތަށް އަޅުގަނޑުމެން ގެނައި އިސްލާހު އުވުމުން އުފާކުރަން"

ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކު ކުރެވޭ ގޮތަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި ރައްޔިތުންގެ މަޖިލީހުން ގާނޫނު އަސާސީ އަށް ގެނައި އިސްލާހު ބަދަލު ކުރެވުމުން އެކަމާ އުފާކުރައްވާ ކަމަށް ވިލިމާފަންނު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ނިހާން ވިދާޅުވެއްޖެއެވެ.

ގާނޫނު އަސާސީގެ 251 ވަނަ މާއްދާގައި މީގެ ކުރިން އޮންނަނީ ދިވެހިރާއްޖޭގެ ސަަރަހައްދުގެ އެއްވެސް ބައެއް ރާއްޖެއިން ބޭރުގެ އެއްވެސް ފަރާތަކަށް މިލްކުކޮށް ނުދެވޭނެ ކަމަށެވެ. ނަމަވެސް 2015 ވަނަ އަހަރުގެ ޖުލައި މަހުގެ 22 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން މާއްދާއަށް ގެނައި އިސްލާހުގައިވަނީ ރާއްޖޭގައި ބިން ހިއްކައިގެން އެއް ބިލިއަން ޑޮލަރު އިންވެސްޓްކުރާ ފަރާތްތަކަށް ބިމުން ބައެއް މިލްކުކުރެވޭނެ ކަމަށެވެ.

އެ އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުން އެއިރު ފާސްކުރީ މަޖިލީހުގައި ތިއްބަވާ 85 މެންބަރުންގެ ތެރެއިން 70 މެންބަރުންގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ.

އެ އިސްލާހު އުވާލުމަށް މަޖިލީހުން މިއަދު ފާސްކޮށްފައިވާއިރު ނިހާން ވިދާޅުވީ ގާނޫނު އަސާސީ އަށް އަޅުގަނޑުމެން ގެނައި އެ އެ އިސްލާހު އަލުން ރުޖޫއަ ކުރެވުނީތީ އުފާކުރައްވާ ކަމަށެވެ. އަދި ވޯޓު ދެއްވި އެންމެހާ މެމްބަރުންނަށް ޝުކުރު ދަންނަވާ ކަމަށްވެސް ނިހާން ވިދާޅުވިއެވެ.

ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކު ކުރެވޭ އިސްލާހު އުވާލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.