ޚަބަރު

ކައުންސިލްތަކުގެ 33 ޕަސެންޓު އަންހެނުންނަށް ދޭން ހުށަހަޅައިފި

އައްޑޫ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއެކު ރައީސް ބޭއްވެވި ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ 33 ޕަސެންޓު އަންހެނުންނަށް ލިބެންޖެހޭ ގޮތަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިޞްލާޙު ހުށަހަޅައިފިއެވެ.

އައްޑޫމީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ހުށަހެޅުއްވި އިޞްލާޙުގައި ބަޔާންކޮށްފައިވާ ގޮތުގައި ރަށްރަށާއި ސިޓީތައް ހިނގަނީ އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރެވި، އަންހެނުންގެ ބައިބައިވުން އެކުގައިކަން ކަށަވަރު ކުރުމަށްޓަކައި ކައުންސިލުތަކުގައި އަންހެނުންގެ ދައުރެއް ކަނޑައެޅިފައި އޮންނަންވާނެ ކަމަށެވެ. އެ މަޤްޞަދު ޙާޞިލު ކުރުމަށްޓަކައި ލާމަރުކަޒީ ޤާނޫނުގެ 11ވަނަ މާއްދާއާ 25ވަނަ މާއްދާއާ 43ވަނަ މާއްދާގެ ދަށުން ކައުންސިލްތަކަށް އިންތިޚާބު ކުރެވޭ މެންބަރުންގެ ތެރެއިން 33 ޕަސެންޓު ޚާއްސަ ކުރަންވާނީ އަންހެނުންނަށް ކަމަށްވެސް ބިލުގައި ވަނީ ބަޔާން ކުރައްވާފައެވެ.

ބިލުގައި ބުނެފައިވަނީ ކޮންމެ ރަށެއް އަދި ސިޓީއެއްގެ ކައުންސިލާއި އެކުގައި އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރުމަށްޓަކައި އެރަށުގެ ނުވަތަ ސިޓީގެ އަންހެނުންގެ ތެރެއިން އިންތިޚާބު ކުރެވޭ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއެއް އޮންނަންވާނެ ކަމަށެވެ. ރަށެއްގައި ނަމަ މި ކޮމެޓީގައި ތިން މެންބަރުން ތިބެންވާނެ ކަމަށް ބިލުގައި ބުނެފައިވާއިރު ސިޓީއެއްގައި ނަމަ ތިބެންވާނީ ފަސް މެންބަރުން ކަމަށް ބިލުގައިވަނީ ބުނެފައެވެ. މި ކޮމެޓީތައް މަސައްކަތް ކުރަންވާނީ ރަށެއްގައި ނަމަ ރަށު ކައުންސިލާއި އެކުގައެވެ. އަދި ސިޓީއެއްގައި ނަމަ އެ ސިޓީ ކައުންސިލާއި އެކު މަސައްކަތް ކުރަންވާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެންބަރުންނަށް ލޯކަލް ގަވަރުމަންޓު އޮތޯރިޓީ (އެލްޖީއޭގެ) ލަފާގެ މަތިން ފިނޭންސް މިނިސްޓްރީން އުޖޫރައެއް ކަނޑައަޅަންޖެހޭނެ ކަމަށްވެސް އެ ބިލުގައި ބުނެފައިވެއެވެ.

މި ބިލުގައި އިތުރަށް ބަޔާންކޮށްފައިވަނީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ކަނޑައަޅާ އުޞޫލެއްގެ ދަށުން އިދާރީ ދާއިރާގައި ހިމެނޭ ފަޅު ރަށްރަށް ބެލެހެއްޓުމަށާއި އިޤްތިޞާދީ ބޭނުންތަކަށް ބޭނުން ކުރުމަށްޓަކައި އެ އިދާރާ ދާއިރާގައި ހިމެނޭ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކާއި ޙަވާލުކުރަންވާނެ ކަމަށެވެ. އަދި ޤައުމީ ތަރައްޤީގެ އޮނިގަނޑު އެކުލަވާލުމުގައި ސަރުކާރުގެ އެކި ވުޒާރާތަކަށް ދޭންޖެހޭ އެއްބާރުލުން ކައުންސިލުތަކުންވެސް ދޭންވާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.

ބިލުގައި ބުނެފައިވަނީ ޤައުމީ ތަރައްޤީގެ ޕްލޭނާއި އެއްގޮތްވާ ގޮތުގެމަތިން ރައްޔިތުންގެ ބައިވެރިވުމާއި އެކު ރަށުގެ ތަރައްޤީގެ ޕްލޭން އެކުލަވާލަންޖެހޭނެ ކަމަށެވެ. އެގޮތުން އެކުލަވާލެވޭ ރަށުގެ ތަރައްޤީގެ ޕްލޭން އަތޮޅު ކައުންސިލުތަކަށް ރަށު ކައުންސިލުން ފޮނުވަންޖެހޭނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.

ދިވެހިރާއްޖޭގެ ޤާނޫނުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ރަށުގެ ފަރާއި ފަޅުފަދަ ޤުދުތަރީ ވަޞީލަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައި އެތަންތަން ބެލެހެއްޓުމަކީ ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކުގެ ޒިންމާއެއް ކަމަށް ރޮޒެއިނާ ހުށަހެޅުއްވި ބިލުގައި ބުނެފައިވެއެވެ.

އެ ބިލުގައި ބުނެފައިވަނީ އަލަށް އުފަންވާ ކުދިންނާއި މަރުވާ މީހުންގެ ރިކޯޑު ބެލެހެއްޓުމާއި ރަށުގެ ތަފާސް ހިސާބު ނަގާ ދެމެހެއްޓުމާއި އެރަށެއްގެ ރަޖިސްޓްރީގައި ރަށްވެހިވެފައިވާ މީހުންނާއި އަދި އެރަށެއްގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު ލިޔެ ބެލެހެއްޓުމާއި އެކު ޤައުމީ އިދާރާތަކުން ކަނޑައަޅާ ގޮތެއްގެ މަތިން އެ މަޢުލޫމާތު ކަމާގުޅުންހުރި އިދާރާތަކަށް ފޮނުވަންވާނެ ކަމަށެވެ.