Last Updated: April 25, 21:20
Thursday, April 25, 2024
ޚަބަރު

ހުރިހާ އަތޮޅަކަށް ފަތުރުވެރިކަން ފުޅާކުރުމަކީ އަމާޒެއް: ރައީސް

ރައީސް ސޯލިހު ތ.އަތޮޅު ކައުންސިލް މެމްބަރުންނާ އެކު - ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފަތުރުވެރިކަން ފުޅާކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ ތ.އަތޮޅު ކައުންސިލްގެ މެންބަރުންނާ އެކު މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުވުމުގައި ތ.އަތޮޅު ކައުންސިލް މެމްބަރުން ދެއްކެވި ވާހަކަފުޅުގައި އިޤްތިޞާދީ ގޮތުންނާއި އުމްރާނީ ގޮތުން އަތޮޅަށް ތަރައްޤީ ގެނައުމުގައި ކައުންސިލުން ގެންގުޅޭ ވިސްނުން ރައީސްއާ ޙިއްޞާ ކުރެއްވިއެވެ. އެގޮތުން ޚާއްޞަ ގޮތެއްގައި އަތޮޅުގައި ފަތުރުވެރިކަން ތަރައްޤީ ކުރުމަކީ ހުރިހާ ރައްޔިތުންގެވެސް ވަރަށް ބޮޑު އެދުމެއްކަން ފާހަގަ ކުރައްވައި، ފަތުރުވެރިކަމުގެ ވިޔަފާރި ކޮޅުމަޑުލަށް ގެނައުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލު ކުރެއްވުމުގައި ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންނަށް ދިމާވެފައިވާ އެކިއެކި ގޮންޖެހުންތައް ހައްލުކުރެވިދާނެ ގޮތްތަކަކީ ކޮބައިތޯ ބައްލަވައި، އެކަންކަން ހައްލު ކޮށްދެއްވުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުން ގެންދަވާ ކަމުގައި ވިދާޅުވިއެވެ.

އަދި، ސަރުކާރުގެ ތަރައްޤީގެ ޕްލޭންގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފަތުރުވެރިކަން ފުޅާކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއްއަމާޒު ކަމުގައި ރައީސް ސޯލިހު ވިދާޅުވިއެވެ.