Last Updated: April 25, 22:42
Thursday, April 25, 2024
ސިޔާސީ

އިދިކޮޅު ޕީޖީ ލީޑަރަކަށް އެންމެ ރަނގަޅީ ޝިޔާމް – ނިހާން

ނިހާން މިއަދު ކުރެއްވި ޓްވީޓުގައި ޕޯސްޓުކޮށްފައިވާ ފޮޓޯ --- ފޮޓޯ . ނިހާން

އިދިކޮޅު ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕް (ޕީޖީ)ގެ ލީޑަރު ކަމަށް ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރ މުޙައްމަދު ޝިޔާމަކީ އެންމެ ރަނގަޅު ބޭފުޅާ ކަމަށް ހިނގަމުންދާ 18ވަނަ ރައްޔިތުން މަޖިލީހުގެ ޕީޕީއެމް ޕީޖީ ގްރޫޕުގެ ލީޑަރުކަން ދާދިފަހަކާއި ޖެހެންދެން ކުރެއްވި އަޙްމަދު ނިޙާން ހުޞައިން މަނިކު ވިދާޅުވެއްޖެއެވެ.

ނައިފަރު ދާއިރާއަށް ދެވަނަ ފަހަރަށް އިންތިޚާބުވެވަޑައިގެން ޝިޔާމާއި މަހިބަދޫ ދާއިރާގެ ގޮނޑިއަށް ދެވަނަ ފަހަރަށް އިންތިޚާބުވެވަޑައިގެން އަޙްމަދު ތާރިޤާއި އެކު ނަގާފައިވާ ފޮޓޯއެއް ޕޯސްޓު ކުރައްވާ ނިހާނު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމަކީ އެތައް ހާސް ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ ސިޔާސީ ޕާޓީއެއް ކަމަށެވެ. އަދި ޕީޕީއެމްގެ ޕީޖީ ލީޑަރު ކަމުގެ މަޤާމުގައި ހުންނަވަން އެންމެ ތާއީދު ކުރެވެނީ ވެސް ނައިފަރު ދާއިރާގެ ގޮނޑި ދިފާއު ކުރެއްވި ޝިޔާމް ކަމަށް ނިހާން ވިދާޅުވި އެވެ. ނިހާނު ވަނީ މި މަހުގެ ހަވަނަ ދުވަހު ބޭއްވި ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ތިނަދޫ ދެކުނު ދާއިރާއަށް ވާދަކުރައްވާފައެވެ. ނަމަވެސް ނިހާނަށް ކުރިމަތިވީ ނާކާމިޔާބީއެވެ.

ވޭތުވެދިޔަ ތިން އިންތިޚާބުންވެސް ޕީޕީއެމްއާ ނާކާމިޔާބީއާ ކުރިމަތިލާން ޖެހުމުން ނިހާން ރޭގެ ވަގުތެއްގައި ވަނީ ޕީޕީއެމް ފެއިލްކޮށްލި އެންމެން އެޕާޓީގެ ލީޑާޝިޕް ދޫކުރައްވާ، އައު ލީޑާޝިޕަކަށް ފުރުޞަތުދިނުމަށް ގޮވާލައިފައެވެ.
ނިހާން ވިދާޅުވީ، ޢާންމު މެންބަރެއްގެ ގޮތުގައި ޕީޕީއެމްގައި ހުންނަވައިގެން ރައްޔިތުންނަށް ސިޔާސީ ގޮތުން ޚިދުމަތްކުރުމުގައި ދެމިހުރެވޭތޯ މަސައްކަތްކުރައްވާނެކަމަށެވެ. އަދި ޕީޕީއެމްގެ ޢާންމު މެންބަރުންނަކީ އިޚްލާސްތެރިބައެއްކަމަށާއި، އެ މެންބަރުންނަށް އިތުރު ހިތާމައާއި ގެއްލުން ދިނުމަށް ޖާގައެއް ނެތްކަމަށްވެސް ނިހާންގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ނިހާން މިފަދައިން ވިދާޅުވިއިރު ޕީޕީއެމްގެ އިސް ފަރާތްތަކާއި އެޕާޓީގެ ސަޕޯޓަރުން އެދިވަޑައިގެންފިނަމަ ޕީޕީއެމްއާ ދުރަށްޖެހިލުމަށް ތައްޔާރަށް ހުންނެވި ކަމަށް އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސް ޔާމީންވެސް ވަނީ ވިދާޅުވެފައެވެ.