Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ކުރީގެ ނައިބު ރައީސުންނަށް މަހަކު 35،000 ރުފިޔާ ދިނުމަށް ފާސްކޮށްފި

ރައްޔިތުންގެ މަޖިލިސް އިދާރާ - ފޮޓޯ: މަޖިލިސް

ރާއްޖޭގައި ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންނަށް ދައުލަތުން މަހަކު 35000 ރުފިޔާގެ މުސާރައެއް އިނާޔަތުގެ ގޮތުގައި ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

އޭދަފުށި ދާއިރާގެ ޕީޕީއެމް މެންބަރު އަހްމަދު ސަލީމް ހުށަހެޅުއްވި ބިލު މަޖިލީހުގެ ތަޅަމުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 46 މެންބަރުންގެ ތެރެއިން 32 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މި ބިލް ފާސް ކުރަން ނުފެންނަ ކަމަށް 12 މެމްބަރުން ވޯޓު ދެއްވިއިރު އަދި ވަކި ގޮތަކަށް ވޯޓު ދެއްވަން ބޭނުންނުވާ ކަމަށް ދެ މެންބަރަކު ވޯޓު ދެއްވިއެވެ.

ބިލުގައިވާ ގޮތުން ނައިބު ރައީސްކަން ކުރެއްވި ބޭފުޅަކު ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ އޭނާގެ މައްޗަށް ނިހާއީ ހުކުމެއް އަންނަ ވަގުތުން ފެށިގެން ބިލުގައިވާ އެއްވެސް އިނާޔަތަކާއި ރައްކާތެރިކަމެއް އޭނާއަށް ނުލިބޭނެ އެވެ.

އަދި ނައިބު ރައީސުންނަށް އިނާޔަތްތައް ލިބޭނީ ދައުލަތުން މުސާރަ ލިބޭ އެހެން ވަޒީފާއެއް ނުވަތަ މަގާމެއް އަދާނުކުރައްވާނަމަ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ. އެހެންކަމުން ނައިބު ރައީސް ކަން ކުރެއްވުމަށްފަހު ދައުލަތުގެ އެހެން މަގާމަކަށް ވަޑައިގަންނަވާނަމަ އިނާޔަތްތައް ކެނޑޭނެކަމަށް ބިލުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ކުރީގެ ނައިބު ރައީސަކު ބޭނުންވެއްޖެ ހާލަތެއްގައި އެކަށީގެންވާ ފެންވަރަކަށް ސަލާމަތީ ހިދުމަތާއި ރާއްޖެއާއި ރާއްޖެ އިން ބޭރުން ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތިން ސިއްހީ ހިދުމަތް ފޯރުކޮށްދޭން ވާނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.

މިފަދަ ބިލެއް މަޖިލީހުން ފާސްކޮށްފައިވާއިރު ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ ހުކުމް ތަންފީޒުކުރައްވަމުން ގެންދަވާތީ ބިލުގައި ބުނެފައިވާ އިނާޔަތާއި ރައްކާތެރިކަން އޭނާއަށް ނުލިބޭނެ އެވެ. އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ފަހުން ރައީސްކަމަށް ވަޑައިގެންފައިވާތީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާނީ ކުރީގެ ރައީސުންގެ އިނާޔަތެވެ.

އެހެންކަމުން އިނާޔަތާއި ރައްކާތެރިކަން ލިބިވަޑައިގަންނަވާނީ ކުރީގެ ނައިބު ރައީސުން ކަމަށްވާ މުހައްމަދު ވަހީދުއްދީނަށާއި ޑރ. މުހައްމަދު ޖަމީލް އަހުމަދަށާއި އަބްދުﷲ ޖިހާދަށެވެ.