Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު

އެމްޑީޕީ އަށް 65 ގޮނޑި ލިބުނަސް ބޭނުންހާ ގޮތެއް ނުހެދޭނެ: އަދުރޭ

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) - ފޮޓޯ: މޯލްޑިވްސް ޓައިމްސް

އާ ރައްޔިތުންގެ މަޖިލީހުގެ 65 ގޮނޑި އެމްޑީޕީ އަށް ލިބުނަސް ބޭނުންހާ ގޮތެއް ނުހެދޭނެ ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު އަދި ކޮންގްރެސް ޕާޓީގެ ވަގުތީ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އާ ރައްޔިތުންގެ މަޖިލީހަށް އަދުރޭ އިންތިހާބުވެ ވަޑައިގެންފައިނުވާއިރު، މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ މަޖިލިސް އިންތިހާބުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ނަމަވެސް ސިޔާސީ މައިދާނުން ދުރަށް ވަޑައިނުގަންނަވާނެ ކަމަށާއި ގައުމަށް ދިމާވާ ކޮންމެ ހާލަތެއްގައި ރައްޔިތުންނާ އެކީގައި ހުންނަވާނެ ކަމަށެވެ.

"ހީފުޅުނުކުރައްވާތީ 65 ގޮނޑި ލިބިގެން މިތަނަށް ވަޑައިގެން އަވަށްޓެރި ގައުމުތަކަށް މުޅި ރާއްޖެ ވިއްކާލެވިދާނެއޭ. އެކަމެއް ނުކުރެވޭނެ. އެކަން ކުރާކަށް ޖާގައެއް ނުދޭނަން. ދިވެހި ރައްޔިތުންނެއް ވެސް ޖާގައެއް ނުދޭނެ. 65 ގޮނޑި މިއަދު އެވީ ގޮތަކުން ލިބިގެންދިޔަސް ރައްޔިތުންނެއް މި ގައުމަށް ބޭނުންހާ ގޮތެއް ހަދަންދެން ބަލަހައްޓައިގެން ނުތިބޭނެ. ރައްޔިތުންނާ އެކީގައި އަޅުގަނޑުމެން ނިކުންނާނަން" އަދުރޭ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އިދިކޮޅު ފަސް ވަރަކަށް މެމްބަރުން ތިބުމަކީ ބިރުން ގޭގައި ރަޖާލައިގެން ތިބޭނެ ކަމެއް ނޫން ކަމަށާއި މިއަށް ވުރެ މާ ނުރައްކާތެރި ހާލަތްތަކުގައި ވެސް ގައުމަށްޓަކާ މަސައްކަތް ކޮށްފައިވާނެ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

އަދި އެ މަސައްކަތް ކުރިއަށް އޮތް ތަނުގައި ވެސް ކުރައްވާނެ ކަމަށާއި މަޖިލީހަށް ނުހޮވުމުން އެ ބޭފުޅުންނަކީ މާޒީ ކަމަށް އެއްގޮތަކަށް ވެސް ހީފުޅުނުކުރެއްވުމަށް ވެސް އަދުރޭ ވަނީ ގޮވާލާފައެވެ.

މަޖިލިސް އިންތިހާބުން އެމްޑީޕީ އަށް 65 ގޮނޑި ލިބުނުއިރު އިދިކޮޅު ފަރާތްތަކަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން އިދިކޮޅު ޕީޕީއެމް އަށް ފަސް ގޮނޑި ލިބުނުއިރު ކޮންގްރެސް ޕާޓީ އަށް ލިބުނީ ތިން ގޮނޑިއެވެ.