Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

މަޖިލީހުގެ ރައީސަކަށް އަސްލަމް ގެންނަން ތާއީދު ކުރަން: ހަސަން

ހަސަން ލަތީފް - ފޮޓޯ: އަވަސް

އާ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ގެންނަން ތާއީދުކުރައްވަނީ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ދިފާއުކުރެއްވި މުހައްމަދު އަސްލަމް އަށް ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާ އަށް އިންތިހާބުވެ ވަޑައިގެންނެވި ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

އާ މަޖިލީހުގެ ރައީސް ކަމަށް އެމްޑީޕީގެ ތެރެއިން ބައެއް މެމްބަރުން ޝައުގުވެރިކަން ފާޅުކުރަމުން އަންނައިރު، ހަސަން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލީހުގެ ރައީސް ކަމަށް ގެންނަން ތާއީދުކުރާނީ އަސްލަމް އަށް ކަމަށާއި އަދި ނައިބު ރައީސް ކަމަށް ތާއީދު ކުރައްވާނީ ގަލޮޅު އުތުރު ދާއިރާގެ ގޮނޑި ދިފާއުކުރެއްވި އީވާ އަބްދުﷲ އަށް ކަމަށެވެ.

ހަސަންގެ އިތުރުން އެމްޑީޕީގެ ރައީސް އަދި މައްޗަންގޯޅި މެދު ދާއިރާ އަށް އިންތިހާބުވެ ވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދު ވެސް އޮތީ އަސްލަމް އަށެވެ.

މަޖިލީހުގެ ރައީސް ކަމަށް ދެން ޝައުގުވެރިކަން ފާޅުކުރައްވާފައިވަނީ ވިލުފުށީ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ހަސަން އަފީފާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް އާއި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމްގެ އިތުރުން ކާށިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އަބްދުﷲ ޖާބިރެވެ.

އެމްޑީޕީގެ ލީޑަޝިޕްގެ ތާއީދު އަސްލަމް އަށް އޮތްއިރު، އަސްލަމް އަކީ އެމްޑީޕީގެ ޕީޖީ ލީޑަރުކަން މިހާރު ކުރައްވަމުން ގެންދަވާ ބޭފުޅާއެވެ.