Last Updated: March 29, 17:30
Friday, March 29, 2024
ޚަބަރު

މޫސަ ޔާމީނަށް: ފެއިލް ވުމުން ދުރަށް ޖެހިވަޑައިގަންނަވާ!

ފެއިލްވުމުން ދުރަށް ޖެހިވަޑައިގަތުމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ޔާމީން އަބްދުލްގައްޔޫމަށް ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު ގޮވާލައްވައިފިއެވެ.

ނިމިގެންދިޔަ މަޖިލިސް އިންތިހާބުގައި ލިބުނު ބޮޑު ނާކާމިޔާބީއަށްފަހު ޕީޕީއެމްގެ ލީޑަޝިޕްގެ އިސް ބޭފުޅުން އިސްތިއުފާ ދެއްވުމަށް އެ ޕާޓީގެ ބައެއް މެމްބަރުން ގޮވާލަމުންދާއިރު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މޫސަ ވިދާޅުވީ އެމްޑީޕީގައި އޭނާ ހުރި ދުވަސްވަރު ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުން ނާކާމިޔާބުވުމުން ޕާޓީގެ ލީޑަޝިޕުން އިސްތިއުފާ ދެއްވުމަށްފަހު ދުރަށް ޖެހިވަޑައިގެންނެވި ކަމަށެވެ.

"އަޅުގަނޑު މިއަދު ވަރަށް އަދަބުވެރިކަމާއެކު އެދެން އަބްދުއްރަހީމަށް ވެސް ޕީޕީއެމް ދޫކޮށްލައްވާށޭ. ރައީސް ޔާމީނަށް ވެސް ދަންނަވަން ދޫކޮށްލައްވާށޭ. އެތަށް ބައެއްގެ ނަމުގައި ލިބޭ ލާރި، ދަރަނިތަކާ އެއްޗެހި ދައްކާ ހުރިހާ ކަމެއް ކޮށްފައި ތިމާ އަމިއްލަ އަށް ނުހުންނަވާށޭ. ފެއިލްވީމާ ދުރަށް ޖެހިވަޑައިގަންނަވާށޭ. ސިޔާސީ މުސްތަގުބަލު އެބަ އޮތޭ. ޕީޕީއެމް ހިންގަން ބޭނުންވާ ބަޔަކަށް ޕީޕީއެމް ހަވާލުކޮށްލާށޭ" ކުރިން ޕީޕީއެމްގައި ވެސް ހުންނެވި މޫސަ ވިދާޅުވިއެވެ.

ޕީޕީއެމްގެ ލީޑަޝިޕްގައި ތިއްބެވި ބޭފުޅުން މިއަދުން މިއަދަށް އިސްތިއުފާ ދެއްވުމަށްފަހު، ޕީޕީއެމް ވެސް ރަނގަޅު ކުރުމަށްފަހު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ނިކުތުމަށް މޫސަ ގޮވާލެއްވިއެވެ. އަދި ޑިމޮކްރެޓިކް ދައުލަތެއް ދެމި އޮންނާނީ އެއްކޮޅަށް ވާހަކަ ދައްކާނެ މީހުންނާއި ދެކޮޅަށް ވާހަކަ ދައްކާނެ މީހުން ތިބެގެން ކަމަށްވެސް މޫސަ ވިދާޅުވިއެވެ.

"މާޔޫސްވެގެން ނުތިބޭ، އަބަދުވެސް މަސައްކަތް ކުރާތި. އަޅުގަނޑު ސެލިއުޓް ކުރަން އެކަމަށް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް އެ މަސައްކަތް ކުރެއްވީތީ" މޫސަ ވިދާޅުވިއެވެ.

މަޖިލިސް އިންތިހާބުން އެމްޑީޕީ އަށް 65 ގޮނޑި ލިބުނުއިރު އިދިކޮޅު ފަރާތްތަކަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން އިދިކޮޅު ޕީޕީއެމް އަށް ފަސް ގޮނޑި ލިބުނުއިރު ކޮންގްރެސް ޕާޓީ އަށް ލިބުނީ ތިން ގޮނޑިއެވެ.