Last Updated: April 19, 19:29
Friday, April 19, 2024
ސިޔާސީ

ރެޑް ނޯޓިސް ނެގީ ޕީޖީން އެދުމުން!؟

އިންޓަރޕޯލް ރެޑް ނޯޓިސް ނެރުމަށްފަހު އެ ނޯޓިސް މިހާރު ނެގި ހަތަރު މީހުން --- މި ހަތަރު މީހުންނަކީ ކުރީގެ ނާއިބު ރައީސް އަދީބާއި ވަރަށް ގާތް ގުޅުމެއް އޮތް ހަތަރު މީހުން --

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ފިލައިގެން އުޅޭތީ އިންޓަޕޯލުން ރެޑް ނޯޓިސް ނެރުނު ހަތަރު މީހެއްގެ ނަންތައް ނަގާފައިވަނީ ދަޢުލަތުން އެދުމުން ކަމަށް "އައްޑޫލައިވް"އަށް އެނގިއްޖެއެވެ.

މޯލްޑިވްސް ޕޮލިސް ސާރވިސުންވެސް ބުނެފައިވަނީ މި ހަތަރު މީހުންގެ މައްޗަށް ނެރެފައިވާ އަމުރު ބާތިލުކޮށްފައިވަނީ ދައުލަތުން އެދިގެންކަމަށެވެ. ނަމަވެސް ނޯޓިސް ނަގައިދިނުމަށް ފުލުހުން ގާތު އެދުނީ ދަޢުލަތުގެ ކޮންކޮން އިދާރާއަކުން ކަމެއް ފުލުހުން ނުބުނެއެވެ. ފުލުހުން ބުނީ އޭރު އިންޓަރޕޯލް ރެޑް ނޯޓިސް ނެރުނީ މި ހަތަރު މީހުން ތަހުޤީގަށް ހާޒިރުނުކުރެވިގެންކަމަށާއި މިހާރު އެފަރާތަކާއި ފުލުހުންނާ ދިމާވެ ތަހުޤީގަށް ބޭނުންވާ ބަޔާންތައް ނަގާފައިވާކަމަށްވެސް ފުލުހުން ބުނެއެވެ. އަދި މި ފަރާތްތައް އިނގިރޭސި ވިލާތުން ހިމާޔަތް ހޯދައިގެން ތިބި ނަމަވެސް ފުލުހުނަށް އެމީހުންނާއި ބައްދަލުކޮށް ބޭނުންވާ މައުލޫމާތު ހޯދާކަމަށްވެސް ފުލުހުން ބުނެއެވެ. އަދި އެހެންކަމުން މިހާރު ރެޑް ނޯޓިސް ދަމަހައްޓަންޖެހޭ ތަނެއް ނެތްކަމަވެސް ފުލުހުން ބުނެއެވެ.

އެނގިފައިވާގޮތުގައި އެ ހަތަރު މީހުންގެ ނަންތައް އިންޓަޕޯލުން ނެގުމަށް ފުލުހުންނަށް އެންގީ ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުންނެވެ. އެނގިފައިވާ ގޮތުގައި އެމްއެމްޕީއާރްސީ މައްސަލާގައި އެ ހަތަރު މީހުންގެ އަތުން ވަނީ ބަޔާންތަކެއްވެސް މިހާރު ނަގާފައެވެ. ނަމަވެސް ބަޔާން ނެގީ ކޮން ކަމަކާއި ގުޅިގެން ކަމެއް ނޭނގެއެވެ. އަދި ރެޑް ނޯޓިސް ނެގުމަށް ޕީޖީން ފުލުހުން ގާތު އެދުނީ ކޮން ދުވަހަކު ކަމެއްވެސް ސާފެއް ނުވެއެވެ. މި ހަތަރު މީހުންނަކީވެސް ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބާއި ވަރަށް ގާތް ހަތަރު މީހުންނެވެ.

ހަތަރު މީހުންގެ ނަން ނެގި ނަމަވެސް، ފިނިފެންމާ ލޯންޗުކޮޅު ގޮއްވާލި ހާދިސާއާ ގުޅިގެން ހޯދަން އިއުލާން ކުރި މުހައްމަދު ވިޝާމް ހޯދަން ނެރުނު ރެޑް ނޯޓިސް އަދި އުވާލާފައެއް ނުވެއެވެ. އޭނާއާ އެކު އެކި ކުށްތަކުގައި އިންޓަޕޯލުން ރެޑްނޯޓިސް ނެރެފައިވާ ދިވެހިންގެ އަދަދު 11 އަށް އަރައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންނގި އެމްއެމްޕީއާރްސީ ޚިޔާނާތުގެ ފައިސާ 155 ފަރާތެއްގެ އެކައުންޓަށް ޖަމާކުރި ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނެރުނު ރިޕޯޓެއްގައި ވަނީ ބުނެފައެވެ.