Last Updated: April 20, 19:35
Saturday, April 20, 2024
ޚަބަރު

ނޯޓިސް ބާތިލުކުރީ ވަކި ބަޔަކު ހައްޔަރުކުރަން ހެކިބަސް ހޯދަން: ނިހާން

އަހުމަދު ނިހާން ހުސައިން މަނިކު. ފޮޓޯ: ރާއްޖެ.އެމްވީ

އިންޓަޕޯލުން ރެޑްނޯޓިސް ނެރެފައިވާ ހަތަރު މީހެއްގެ ނޯޓިސް ބާތިލުކުރީ ސަރުކާރުން ބޭނުންވާ ބަޔަކު ހައްޔަރުކުރުމަށް ހެކިބަސް ދިނުމަށް ކަމަށް ރައްޔިތުން މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސެއިން މަނިކު ތުުހުމަތުކުރައްވައިފިއެވެ.

އެމްއެމްޕީއާރީސީގެ މައްސަލާގައި ހިމެނޭ އެޗްޑީސީގެ ކުރީގެ ޗެއަރމަން މުހައްމަދު އަސީލާއި އެސްއޯއެފްގެ މުހައްމަދު އައްލާމް ލަތީފާއި މުހައްމަދު ހުސެއިނާއި އަހްމަދު އިޝްފާހު ލަތީފުގެ މައްޗަށް ނެރެފައިވާ ރެޑްނޯޓިސް ބާތިލުކުރިކަން ފުލުހުން މިރޭ ވަނީ ހާމަކޮށްފައެވެ. އަދި އައްޑޫލައިވްއަށް އެނގިފައިވާ ގޮތުގައި މި ހަތަރު މީހުންގެ ރެޑް ނޯޓިސް ބާތިލްކުރީ ޕްރޮސިއުޓަރ ޖެނެރަލް (ޕީޖީ)ން ފުލުހުންނަށް އެދުމުން ކަމަށްވެސް ވަނީ އެނގިފައެވެ.

މި ނިންމުމާއި ގުޅިގެން ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރ ނިހާން ހުސެއިން މަނިކު ކުރެއްވި ޓްވީޓެއްގައި ވަނީ އެ ނިންމުމަކީ ސަރުކާރުން ބޭނުންވާ ގޮތަށް ބަޔަކު ހައްޔަރުކުރުމަށް ހެކިބަސް ދިނުމާއި ގުޅޭކަމެއްކަމަށް ތުހުމަތުކޮށްފައެވެ. އެހެންނަމަވެސް އެއީ ކޮން ބަޔެއްކަމެއް ނިހާން ވިދާޅެއްނުވެއެވެ.

އެނގިފައިވާ ގޮތުގައި ރެޑް ނޯޓިސް ބާތިލްކުރި ހަތަރު މީހުންގެ އަތުން ވަނީ ބަޔާންތަކެއް ނަގާފައެވެ. ނަމަވެސް އެއީ ކޮން ކަމަކާއި ގުޅިގެން ނެގި ބަޔާންތަކެއް ކަމެއް ނޭނގެއެވެ. ފުލުހުންވެސް މިކަމަކަށް އިންކާރެއް ނުކުރެއެވެ. ފުލުހުން ބުނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ ގުޅިގެން އިންޓަޕޯލުން ރެޑް ނޯޓިސް ނެރުނު މީހުންގެ ނަންނެގީ އެމީހުން ފަރާތުން ތަހުޤީގަށް ބޭނުންވާ ބަޔާންތައް ނަގާފައިވާތީކަމަށެވެ.

އެމްއެމްޕީއާރުސީގެ 1.4 ބިލިއަން ރުފިޔާގެ ހިޔާނާތުގައި އެކުންފުންޏަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ބޮޑު ބައެއް އެސް.އޯ.އެފްގެ އެކައުންޓަކަށް ޖަމާކުރުމަށްފަހު، އެ ފައިސާ 155 ފަރާތެއްގެ އެކައުންޓްތަކަށް ވަނީ ޖަމާކޮށްދީފައެވެ.