Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ފެންވަރު ރަނގަޅު ޞިއްޙީ ނިޒާމެއް ތަރައްޤީ ކުރުމަކީ އަމާޒެއް: ރައީސް

ފޮޓޯ-ރައީސް އޮފީސް

ރައްޔިތުންނަށް ފަސޭހައިން ވާޞިލުވެވޭ، ފެންވަރު ރަނގަޅު ފުރިހަމަ ޞިއްޙީ ޚިދުމަތުގެ ނިޒާމެއް ތަރައްޤީކުރުމަށް މި ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށާއި، އެހެން ނަމަވެސް މިކަން ހާސިލްކުރުމަށް ގޮންޖެހުންތަކެއް ހުރިކަން ރައީސް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހެނދުނު ކުރިއަށްދިޔަ ހެލްތް މިނިސްޓަރުކަން ކުރައްވާފައިވާ ޢިއްޒަތްތެރިންގެ ސަމިޓް އިފްތިތާޙް ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ސިއްހީ ނިޒާމް ތަރައްގީކުރުމަށްއޮތް ހުރިހާ ގޮންޖެހުންތަކެއްގެ އަސްލަކީ، މަރުކަޒީ ގޮތެއްގައި ރާއްޖެ ތަރައްޤީ ކުރަން މީގެ ކުރިން މަސައްކަތް ކުރުމުގެ ނަތީޖާ ކަމަށާއި، ރަށްރަށުގެ ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތައް ތަރައްޤީ ކުރުމުގެ ބަދަލުގައި، މާލޭގައި ހުރި ހޮސްޕިޓަލް ތަރައްޤީކުރަން މަސައްކަތް ކުރުން ކަމުގައެވެ. އަދި ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ހިލޭ ބޭސްފަރުވާގެ ޚިދުމަތްދޭ އާސަންދައިގެ ތެރެއަށް ވަދެފައިވާ ކޮރަޕްޝަން ހުއްޓުވުމުގައި ޢާންމު ރައްޔިތުން އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް އެމަނިކުފާނު އެދިވަޑައިގެނެވިއެވެ.

ނަމަވެސް މި ސަރުކާރުން ނުކުމެ ތިބީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ކަމަށާއި، މި ސަރުކާރުން ރައްޔިތުންގެ ކަންބޮޑުވުންތައް ފިލުވައިދީ، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދައިދޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ވިދާޅުވިއެވެ.

މި ސަމިޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސަމިޓްގައި ބައިވެރިވެ ވަޑައިގެންނެވި ބޭފުޅުން މި ޤައުމަށް ކޮށްދެއްވި އަގު ނުކުރެވޭ މުހިންމު ޚިދުމަތްތައް ފާހަގަކުރައްވައި، މި ސަރަޙައްދުގެ ޤައުމުތަކާ އަޅައިބަލާއިރު، ޢާންމު ޞިއްޙީ ޚިދުމަތްތަކުގައި ރާއްޖެ ކުރިއަރައި ދިޔައީ، ވިސްނުންތެރިކަމާއި ޙިކްމަތްތެރިކަމާ އެކު، އެ ބޭފުޅުން އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުންކަން ފާހަގަކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ ޞިއްޙީ ދާއިރާގެ ތަރައްޤީއަށްޓަކައި އެބޭފުޅުން ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްތައް ފާހަގަކުރައްވައި އެ ބޭފުޅުންނަށް ވަރަށް ޙާއްޞަ ޝުކުރެއް އެމަނިކުފާނު އަދާކުރެއްވިއެވެ.

މީގެ އިތުރުން ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާކޮށް ތަރައްޤީ ކުރުމަށް، ސަރުކާރާއި އަމިއްލަ ފަރާތްތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް، ސަމިޓުގެ ބައިވެރިންގެ ތަޖުރިބާގެ އަލީގައި، ލަފަޔާއި އިރުޝާދު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.