Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

މަރުތަކުގެ ކޮމިޝަނަށް ޝުމްބާ ހާޒިރުކޮށް ސުވާލުކޮށްފި

ޝުމްބާ ---ފޮޓޯ / ޝުމްބާ ފޭސްބުކް

ގެއްލިފައިވާ ނޫސްވެރިޔާ އަޙްމަދު ރިލްވާންގެ މައްސަލާގައި ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހުމަދު އަޝްރަފް (ޝުމްބާ) މަރާލާފައިވާ މީހުނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީގު ކުރާ ރިޔާސީ ކޮމިޝަނަށް ޙާޒިރުކޮށް ސުވާލުކޮށްފިއެވެ.

އެ ކޮމިޝަނުން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަޝްރަފް ޙާޒިރުކޮށް މަޢުލޫމާތު ސާފުކުރީ ރިލްވާން ގެއްލުމާއި ގުޅޭގޮތުން 2014ވަނަ އަހަރުގެ އޮގަސްޓުމަހުގެ ތެރޭގައި އަޝްރަފް ކޮށްފައިވާ ޓްވީޓުތަކަކާއި ގުޅިގެން ކަމަށެވެ. އައްޑޫލައިވްއަށް އެނގިފައިވާ ގޮތުގައި އަޝްރަފާއި ސުވާލުކޮށްފައިވަނީ 2104ވަނަ އަހަރުގެ އޮގަސްޓުމަހުގެ 18ވަނަ ދުވަހު ރިލްވާން ކަނޑު ފައްތާފައިވާ ކަމަށްބުނެ، ފެތުރިފައިވާ ސްކްރީން ޝޮޓަކާއި ބެހޭ ގޮތުންނެވެ. އެކަމާ ގުޅޭ އިތުރު ތަފްޞީލެއް ލިބޭގޮތެއް ނުވެއެވެ.

ރިލްވާން ގެއްލުމުގެ ޙާދިސާއާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް އަޝްރަފް މަރާލެވިފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނަށް ހާޒިރު ކޮށްފައިވާއިރު މީގެކުރުން އެ ކޮމިޝަނަށް ވަނީ ޕީޕީއެމްގެ ކުރީގެ ކައުންސިލް މެންބަރު ޒާހިދު ރަމީޒުވެސް (ޒާހިދު ކްރިއޭޓަރ) ހާޒިރުކޮށްފައެވެ.

މަރުތަކާއި ބެހޭ ކޮމިޝަނުން ވިދާޅުވީ ޒާހިދު އެ ކޮމިޝަނަށް ހާޒިރުކުރީ 2011ވަނަ އަހަރާއި 2012ވަނަ އަހަރުގެ ތެރޭގައި ޔާމީން ރަޝީދަށް މަރުގެ އިންޒާރު ދީފައިވާތީ ކަމަށެވެ. އަދި އެފަދަ ކަންކަމަކީ ޤާނޫނީ ކުށެއް ކަމަށާއި އެފަދަ ކަންކަން ކުރުމުން ދުރުހެލިވުމަށް އެ ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.