Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

ނަގޫރޯޅީގައި ހާލުގައި ޖެހުނު އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދީފި

ފޮނަދޫއަށްއެރި ނަގޫރޯޅީގެ ތެރެއިން- ފޮޓޯ:މީސް މީޑިއާ

ލ.ފޮނަދޫއަށް ރޭ ފަތިހު ނަގޫރޯޅިއެއް އަރައި އެރަށުގެ 6 ގެއަކަށް ގެއްލުންލިބި، އެގޭގެ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވިދާޅުވީ، މި ޙާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައިނުވާކަމަށާއި، ނަމަވެސް ބައެއް ގޭގެއަށް އެކިވަރުގެ ގެއްލުން ލިބިފައިވާތީ، 6 ގެއެއްގެ މީހުން އެހެން ތަނަކަށް ބަދަލުކޮށްފައިވާކަމަށެވެ. އަދި މި ޙާދިސާގައި ލިބުނު ގެއްލުންތައް ދެނެގަތުމަށްޓަކާ އިނީޝަލް ޑެމޭޖް އެސެސްމެންޓެއް ހެދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ފަށާފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވިދާޅުވިއެވެ.

ފޮނަދޫއަށް އެރި ނަގޫރޯޅީގައި ގައި އެރަށުގެ 12 ގެއަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާއިރު، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްކުރަމުންދާކަމަށް ފޮނަދޫ ކައުންސިލުން ބުނެއެވެ. މި ޙާދިސާގައި ބައެއް ގޭގޭގެ ފުރާޅު އެއްލާލުމާއި ރުއްގަސް ވެއްޓުން ފަދަ ގެއްލުންތައް ވަނީ ލިބިފައެވެ.

އަދި ނަގޫރޯޅިއެރި ވަގުތަކީ ކޮންމެވެސް ވަރަކަށް ވާރޭވެހުނު ގަޑިއެއްކަމުން، ފުރާޅު އެއްލާލި ބައެއް ގޭގޭގެ ފަރުނީޗަރާއި ހިފާގެންގުޅޭ ސާމާނަށް ފެނުގެ އަސަރުކޮށް އެކި ވަރުގެ ގެއްލުންތައްވެސް ލިބިފައިވެއެވެ.