Last Updated: April 19, 22:45
Saturday, April 20, 2024
ޚަބަރު

މިސްކިތްތަކަށް ކުރާ ހޭދަ މިހާރަށް ވުރެ އިތުރު ކުރަންޖެހޭ: ނައިބު ރައީސް

ފޮޓޯ: ރައީސް އޮފީސް

މި ބިމުގައި އެންމެ މާތްވެގެންވާ މުޤައްދަސް ތަން ކަމަށްވާ މިސްކިތްތަކަށް ކުރާ ހޭދަ މިހާރަށްވުރެ އިތުރު ކުރަންޖެހޭ ކަމަށް ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވެފައިވަނީ "ދަރުމަ ކަމާކެމި" ހަރަކާތް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ނައިބު ރައީސް ވިދާޅުވީ ހެޔޮ ކަންތައްތައް ކުރުމަކީ އެއަށް ނިމުމެއް އަންނާނެ ކަމެއް ނޫންކަން ހަނދާން ކޮށްދެއްވައި، މީހުންނަށް އަޅާލުމާއި ހެޔޮ ކަންތައްތަކަށް ހޭދަ ކުރުން އިތުރުކުރުމަށް ގޮވައިލައްވާފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވަނީ މިހާރުގެ ސަރުކާރުން ކުރާ ކޮންމެ ކަމެއްވެސް ކުރިއަށް ގެންދާނީ ރައްޔިތުން ހިތް ހަމަޖެހޭ ގޮތަށް، އެއްވެސް މީހެއްގެ ޙައްޤަކަށް އުނިކަން ނުލިބޭ ގޮތަށް ކަމުގެ ޔަގީންކަން ދެއްވާފައެވެ.

މިގޮތުން، އިސްލާމިކް މިނިސްޓްރީން ހިންގަވާ އެންމެހައި ހަރަކާތްތައްވެސް ރައްޔިތުންނަށް ދެ ފުށް ފެންނަ ގޮތަށް ކުރެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

"ދަރުމަ ކަމާކެމި" އަކީ، މިސްކިތް ބިނާ ކުރުމަށް ހެޔޮ އެދޭ ފަރާތްތަކަށް އެ ފުރުސަތު ތަނަވަސް ކޮށްދީ، މިސްކިތްތައް މަރާމާތުކޮށް ބެލެހެއްޓުމަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކަށް އެކަންކަން ފަހިކޮށްދިނުމަށްޓަކައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ރާވާފައިވާ ހަރަކާތެކެވެ.

އަދި، އިސްލާމިކް މިނިސްޓްރީން ބަލަހައްޓާ ފަންޑް ފޮށިތަކުގެ ތަފުސީލުވެސް މި ހަރަކާތުގެ ތެރެއިން ރައްޔިތުންނަށް ހާމަ ކޮށްދެމުން ގެންދާނެއެވެ.