Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

ޝަހީމްގެ "ރަހުމަތުގެ ނަބިއްޔާ" ޕްރޮގްރާމް މިފަހަރު ނުދައްކަން ނިންމައިފި

ރޯދަ މަހަށް ހާއްސަކޮށްގެން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ގެނެސްދޭ "ރަހުމަތުގެ ނަބިއްޔާ" ޕްރޮގްރާމް މިފަހަރު ނުގެންނަން ޕީއެސްއެމް އިން ނިންމައިފިއެވެ.

އެ ޕްރޮގްރާމަކީ ކީރިތި ރަސޫލާގެ ސިޔަރަތާބެހޭ ގޮތުން ދިވެހިންގެ އަމިއްލަ ޕްރޮގްރާމެއްގެ ގޮތުގައި އޮތް އެންމެ ބޮޑު ސިލްސިލާ އިލްމީ ޕްރޮގްރާމެވެ.

ޝަހީމް މިއަދު ވިދާޅުވީ އެ ޕްރޮގްރާމަކީ ވަރަށް ބުރަ މަސައްކަތަކާއި އިލްމީ އެތައް ދިރާސާއެއްގެ މައްޗަށް ތައްޔާރު ކުރި ޕްރޮގްރާމެއް ކަމަށާއި އެއީ އޭނާ ހިލޭ ސާބަހަށް ރިކޯޑްކޮށްފައިވާ ޕްރޮގްރާމެއް ކަމަށެވެ.

މިފަހަރު އެ ޕްރޮގްރާމް ނުގެންނަން ޕީއެސްއެމުން ނިންމީ އޭނާ ސިޔާސީ ކަމެއްގައި ބައިވެރިވެފައި ހުރުމުން ކަމަށް ވެދާނެ ކަމަށާއި އެ އުޒުރަށް އިހުތިރާމް ކުރައްވާ ކަމަށެވެ.

"އެކަމަކު އަޅުގަނޑު ކުރިން ހީކުރީ އެމީހެއްގެ ސިޔާސީ ފިކުރަށް ނުބަލާ އިލްމީ މަސައްކަތް މި ސަރުކާރުން ވެސް ބަލައިގަންނާނެ ކަމަށް" ޝަހީމް ވިދާޅުވިއެވެ.

އެ ޕްރޮގްރާމް ޕީއެސްއެމް ގެނެސް ނުދިން ނަމަވެސް ދީނީ ޕްރޮގްރާމެއް މި އަހަރުގެ ރޯދަ މަހު ވެސް ގެނެސް ދެއްވާނެ ކަމަށާއި އެގޮތުން އެ ޕްރޮގްރާމް ގެންނާނީ އަމިއްލަ ފޭސްބުކް ޕޭޖް މެދުވެރިކޮށް ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ. އަދި ވަގުތު ވީ ވަރަކުން އެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޝަހީމްގެ "ރަހުމަތުގެ ނަބިއްޔާ" ޕްރޮގްރާމް މިފަހަރު ނުގެންނަން ނިންމި ސަބަބެއް ޕީއެސްއެމުން އަދި ހާމަކޮށްފައެއް ނުވެއެވެ.