Last Updated: April 25, 18:52
Thursday, April 25, 2024
ޚަބަރު

ވިއްސާރަވެ ފެންބޮޑުވުމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންތައްތައް!

2015 ވަނަ އަހަރުގެ އޯގަސްޓް މަހު އައްޑޫ އަށް ކުރި ވިއްސާރައިގެ ތެރެއިން. އައްޑޫލައިވް ފޮޓޯ: ޙުސައިން ޒަހީން

މި ދުވަސްވަރަކީ މުޅި ރާއްޖެ އަށް ވެސް ވިއްސާރަ ދުވަސްވަރެއް ކަމުން އާއްމު ސާފުތާހިރު ކަމަށް ސަމާލުކަން ދިނުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފައެވެ.

އެގޮތުން އެޗްޕީއޭ އިން ބުނީ މި ދުވަސްވަރު ބުއިމަށާއި ކެއްކުމަށާއި އަދި ތަށި ދޮވުމަށް ވާރޭފެން، ފުޅީގައި ބަންދުކުރި ފެން ނުވަތަ ކެއްކި ފެން ބޭނުން ކުރުމަށެވެ. އަދި ނަރުދަމާ، ސެޕްޓިކް ޓޭންކް ނުވަތަ ޖަންކްޝަން ފުރިގެން ފެން ނުކުންނަނަމަ، ފެންވެރުމަށް ވަޅުފެން ބޭނުން ކުރުމުގެ ކުރިން ކްލޮރިން ކުރުން މުހިއްމު ކަމަށާއި މިފަދަ ހާލަތެއް ދިމާވެއްޖެނަމަ ޕަބްލިކް ހެލްތު ޔުނިޓަށް ވަގުތުން އެންގުމަށް އެޗްޕީއޭ އިން އިލްތިމާސްކުރެއެވެ.

މީގެއިތުރުން ފެންގަނޑު ތެރެއަށް ކުޑަކުދިން އެރުނަ ނުދިނުމަށާއި ސައިބޯނި ލައިގެން ގިނަގިނައިން އަތް ދޮވުމަށް ސަމާލުކަން ދިނުމަށް ވެސް އެޗްޕީއޭ އިން ވަނީ ގޮވާލާފައެވެ. އަދި ކާބޯތަކެތި ތައްޔާރު ކުރުމުގެ ކުރިންނާއި ކެއުމުގެ ކުރިން އަދި ފާހާނާ ކުރުމުގެ ފަހުން ސައިބޯނި ލައިގެން އަތް ދޮވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އެޗްޕީއޭ އިން އިލްތިމާސްކުރެއެވެ.

ދޮވެ، ޑިސްއިންފެކްޓް ނުކުރެވޭ ތަކެއްޗަށް ފެނުގެ އަސަރުކޮށްފައިވާނަމަ (މިސާލަކަށް ގޮދަޑި، ސޯފާގެ ފޮތި/ސްޕޮންޖް ބައި، ބާލީސް، ފޮތް އަދި އެހެނިހެން ކަރުދާސް ތަކެތި) އުކާލުމަށާއި އަދި ކުޑަކުދިންގެ ކުޅޭ ތަކެއްޗަށް ފެނުގެ އަސަރުކޮށްފައިވާ ނަމަ އެތަކެތި ވެސް އުކާލުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި ފެން ހިންދާ، ކުންޏާއި ތަޣައްޔަރުވެފައިވާ ތަކެތި އުކާލުމަށްފަހު، ފެނުގެ އަސަރުކޮށްފައިވާ ފާރާއި ތަޅުންގަނޑު އަދި ފަރުނީޗަރު ފެނާއި އޯމޯ ނުވަތަ ބްލީޗް ލައިގެން ރަނގަޅަށް ދޮވުމަށްފަހު މުޅިން ހިކެންދެން ބެހެއްޓުމަށާއި ސާފުކުރުމުގައި މަސައްކަތުގައި ލައިގެން ހުރި އަންނައުނު، އެހެން އަންނައުނާއި ވަކިން ދޮވުމަށް ސަމާލުކަން ދިނުމަށް ވެސް އެޗްޕީއޭ އިން އިލްތިމާސްކުރެއެވެ.

މީގެއިތުރުން ފެން ހިންދާ ސާފުކޮށް ނިމެންދެން ފެނުގެ އަސަރުކޮށްފައިވާ ހިސާބަށް ކުޑަކުދިން ގާތްވިޔަ ނުދިނުމަށާއި، ނަރުދަމާ، ޖަންކްޝަން، ނުވަތަ ސެޕްޓިކް ޓޭންކު ފުރިގެން ބޭރުވެފައިވާނަމަ، ސާފުކުރުމުގެ ކުރިން ޕަބްލިކް ހެލްތު ޔުނިޓްގެ އެހީތެރިކަން ހޯދުމަށް ވެސް އެޗްޕީއޭ އިން ވަނީ އެދިފައެވެ.

އަދި ހަމުގައި ފާރުގަނޑެއް ހުރިނަމަ ފެންގަނޑުގައި ޖެހުނު ނުދިނުމަށާއި، ފެން ހިންދުމުގަޔާއި ސާފުކުރުމުގައި ހަރަކާތްތެރިވާން ޖެހިއްޖެނަމަ، ފެންނުވަންނާނެހެން މަލަންއަޅާ ފާރުގަނޑު ފޮރުވުމަކީ މުހިއްމު ކަމެއް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ފެން ހިންދުމުގައާއި، ފެން ހިންދުމަށްފަހު ސާފުކުރުމުގައި ހަރަކާތްތެރިވާއިރު ރައްކާތެރިވުމަށް އަންގި އާއި މާސްކުފަދަ ތަކެތި ބޭނުންކުރުމަށާއި އަދި މަސައްކަތް ނިންމުމަށްފަހު އެތަކެތި ކޮތަޅެއްގައި ބަންދުކުރުމަށްފަހު ރައްކާތެރިކަމާއެކު އުކާލުމަށް އެޗްޕީއޭ އިން އިލްތިމާސްކުރެއެވެ.

ވިއްސާރަވެ ގޭ ތެރެއަށް ފެން ވަދެއްޖެނަމަ ނުވަތަ އެމަޖެންސީ ކަމެއް ދިމާވެއްޖެނަމަ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ 115 އަށް ގުޅުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.