Last Updated: March 29, 17:21
Friday, March 29, 2024
ކުޅިވަރު

ޓޮޓެންހަމް އަތުން ބަދަލު ހިފައި ސިޓީ އެއްވަނަ އަށް

ޗެމްޕިއަންސް ލީގުން ޓޮޓެންހަމް އަތުން ކެޓުމުގެ ބަދަލު ހިފައި، ޕްރިމިއާ ލީގުގައި މިއަދު އެޓީމުގެ މައްޗަށް 1-0 އިން ކުރި ހޯދައި ލީގުގެ އެއްވަނަ އަށް މެންޗެސްޓަރ ސިޓީ އަރައިފިއެވެ.

މި މޮޅާއެކު ލީގުގެ އެއްވަނައިގައި ސިޓީ މިހާރު އޮތީ 86 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި 85 ޕޮއިންޓާ އެކު ލިވަޕޫލް އޮތްއިރު ޓޮޓެންހަމް އޮތީ 67 ޕޮއިންޓާ އެކު ލީގުގެ ތިންވަނައިގައެވެ.

ސިޓީގެ ދަނޑުގައި މިއަދު ހަވީރު ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު އެޓީމަށް މެޗުގެ ފަސްވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އުމުރުން 18 އަހަރުގެ މިޑްފީލްޑަރު ފިލް ފޮޑެންއެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ އަގުއެރޯ ބޮލުން ދިން ޕާހަކުން ޓޮޓެންހަމްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.

ސިޓީގެ މި ގޯލަށްފަހު ފުރަތަމަ ހާފްގައި ނަތީޖާ އެއްވަރުކޮށްލަން ރަނގަޅު ފުރުސަތުތަކެއް ޓޮޓެންހަމުން ވަނީ ތަނަވަސްކޮށްފައެވެ. އެގޮތުން އެރިކްސަން އާއި ސޮން ފޮނުވާލި ދެ ހަމަލާ ސިޓީގެ ކީޕަރު އެޑަސަން ދިފާއުކުރިއިރު ސޮން ފޮނުވާލި ނުރައްކާތެރި އިތުރު ހަމަލާއެއް ސިޓީގެ ޑިފެންޑަރު ލަޕޯޓް ވެސް ވަނީ ދިފާއުކޮށްފައެވެ.

މެޗުގެ ދެވަނަ ހާފްގައި އަނިޔާގެ ސަބަބުން ސިޓީގެ މެދުތެރޭގައި މުހިއްމު ދައުރެއް އަދާކުރަމުން އަންނަ ކެވިން ޑެ ބްރައިނާ ބޭލިއިރު މި ހާފްގައި ސިޓީގެ ލީޑު ފުޅާކޮށްލަން އެޓީމުގެ ރަހީމް ސްޓާލިން އަށް ވަނީ ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެގޮތުން ޓޮޓެންހަމްގެ ޕެނަލްޓީއޭރިއާ ތެރޭ ހުހަށް ހުރެ ސްޓާލިން ފޮނުވާލި ހަމަލާ ޓޮޓެންހަމްގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

މިއީ ލީގުގައި ސިޓީން ޖެހިޖެހިގެން ހޯދި 10 ވަނަ މޮޅު ކަމަށްވާއިރު، ލީގުގައި އެޓީމަށް ބާކީ ދެން އޮތީ އެންމެ ހަތަރު މެޗެވެ.

ލީގުގައި ސިޓީ ދެން ބައްދަލުކުރާނީ ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑާއެވެ. އެ މެޗު އޮންނާނީ އަންނަ ބުދަ ދުވަހުގެ ރެއެވެ.