Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

މިސްކިތު ފަންޑާއި ދީނީ ފަންޑަށް ފަސް ލައްކަ ރުފިޔާ ލިބިއްޖެ

އިސްލާމީ މަރުކަޒު - ފޮޓޯ: ގޫގުލް

އިސްލާމިކް މިނިސްޓްރީގެ މިސްކިތު ފަންޑަށާއި ދީނީ ފަންޑަށް ފަސް ލައްކައަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

މި ދެ ފަންޑަށް ފައިސާ ހޯދުމަށް މިއަދު ހަރަކާތްތަކެއް ހިންގުނުއިރު އިސްލާމިކް މިނިސްޓްރީން ބުނީ މިސްކިތު ފަންޑަށް ވަނީ 465،562 ރުފިޔާ އާއި 551 ޑޮލަރު ލިބިފައިވާ ކަމަށެވެ. އަދި ދީނީ ފަންޑަށް 93،129 ރުފިޔާ އާއި 205 ޑޮލަރު ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ވިއްސާރަ ވުމާ ގުޅިގެން މިއަދުގެ ހަރަކާރަށް ހުރަސްތަކެއް ކުރިމަތިވުމުން އިސްލާމިކް މިނިސްޓްރީން ވަނީ މި ހަރަކާތް މާދަމާ ވެސް ކުރިއަށް ގެންދަން ނިންމާފައެވެ. އެގޮތުން މާދަމާގެ މެންދުރު 1:00 އިން 6:00 އަށް އެ ހަރަކާތް ކުރިއަށްދާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

މި ހަރަކާތުގެ ތެރެއިން ފަންޑުތަކަށް ފައިސާ ހަދިޔާކުރުމުގެ އިތުރުން މުދަލު ޒަކާތް ބަލައިގަތުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރަށް ޒަކާތް ބަލައިގަންނަ ގޮތާއި ޒަކާތުގެ ފައިސާ ހަރަދުކުރާ ގޮތާއި ފާއިތުވި އަހަރު ޒަކާތުގެ ގޮތުގައި ފައިސާ ލިބުނު އަދަދުވެސް ހާމަކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މުދަލު ޒަކާތް ބަލައިގަތުމާއި، ޒަކާތަށް މީހުން ހޭލުންތެރިކުރުވުމަށްވެސް ހަމަޖެހިފައިވެއެވެ.