Last Updated: March 28, 14:17
Thursday, March 28, 2024
ޚަބަރު

ވެވުނު މިންވަރަކުން މައިންބަފައިންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދޭންޖެހޭ: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު - ފޮޓޯ: ރައީސް އޮފީސް

ފުދުންތެރިކަން ހުރި މިންވަރަކުން މައިންބަފައިންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމަކީ ކުރަންޖެހޭނެ ކަމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މަންފާ ސެންޓަރަށް 15 އަހަރުން ފުރުން ފާހަގަކުރުމަށް މިރޭ ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މުސްކުޅިވި ދުވަހު ކައިރީގައި އަޅާލާނެ ދަރިން ނެތުމުގެ ހިތްދަތި އިހުސާސްކުރާ މީހުން މިހާރު މަދު ނޫން ކަމަށާއި އެ ހިތްދަތިކަން ވަށާލުމުން އެމީހުންނާއި ދެން ބައްދަލުކުރަނީ ނަފްސާނީ މައްސަލަތަށް ކަމަށެވެ.

އަދި ދޮށީ އުމުރަށް ދިޔުމުން މައިންބަފައިން އެންމެ ބޭނުންވާނީ ކައިރީގައި ހިދުމަތްކޮށްދޭން ހުންނަ ބިދޭސީ މީހާގެ ބަދަލުގައި ދަރީންގެ އަޅާލުމާއި ލޯތްބާއި އޯގާތެރިކަން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބޮޑެތިވެ އަމިއްލަ ދިރިއުޅުމެއް ފަށާފައިވިޔަސް މައިންބަފައިން ވެފައިވާ ޤުރުބާނީ ހަނދާން ނައްތާލައިގެން ނުވާނެ. ފުދުންތެރިކަން ހުރި މިންވަރަކުން މައިންބަފައިންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމަކީ ކުރަންޖެހޭނެ ކަމެއް" ރައީސް ވިދާޅުވިއެވެ.

ދޮށީ ޢުމުރަށް ދިޔުމުން ދައުލަތުގެ ބަޖެޓުން އެލަވަންސެއް ދީފައި ގޭގައި ބޭތިއްބުމަކީ އެމީހުންނަށް އެންމެ ފައިދާ ހުރި ގޮތެއް ނޫން ކަމަށާއި އޭގެ ބަދަލުގައި ޙަރަކާތްތެރި ދިރިއުޅުމަކަށް އެމީހުންނަށް ފުރުސަތު ފަހިކޮށްދިނުމަކީ މާ މުހިންމު ކަމެއްކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

އެގޮތުން ދޮށީ އުމުރާ ބައްދަލުވުމަކީ ކުރީގެ ޙަރަކާތްތެރި ދިރިއުޅުމާ ވަކިވާންޖެހޭ ސަބަބެއް ނޫން ކަމަށާއި އަދި މަސައްކަތް ކުރުމާއި ވަޒީފާ އަދާކުރުން ހުއްޓައިލަންޖެހޭ ސަބަބެއް ވެސް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ބަދަލުގައި ދޮށީ ޢުމުރުގައި ވެސް ކޮންމެވެސް މަސައްކަތެއްގެ ތެރޭގައި ޙަރަކާތްތެރި ދިރިއުޅުމެއް އުޅެން އާދަކުރުމަކީ ބަލި އެނދާ މީހާ ވަރަށް ބޮޑަށް ދުރުކޮށްދޭ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.