Last Updated: April 25, 10:47
Thursday, April 25, 2024
ޚަބަރު

ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމަށް ޣައްސާން އައްޔަން ކުރައްވައިފި

ގައްސާން މައުމޫން

ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަދި ތ.ގުރައިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ޣައްސާން މައުމޫން މިރޭ އައްޔަން ކުރައްވައިފިއެވެ.

މިރޭ ބޭއްވި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމުގައި ޣައްސާންގެ އިތުރުން ޕީޕީއެމްގެ ނައިބު ރައީސުންގެ މަގާމަށް ވަނީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އާއި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވެސް އައްޔަން ކުރައްވާފައެވެ.

އެކަން ހާމަ ކުރެއްވީ ކޮންގްރެސް ޕާޓީގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި، ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިރޭ ކުރެއްވި ޓްވީޓަކުންނެވެ.

ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމުގައި މީގެކުރިން ތިއްބެވި އަބްދުއްރަހީމްއާ، ރަައީސް އޮފީހުގެ ކުރީގެ ލީގަލް މިނިސްޓަރު އާޒިމާ ޝަކޫރުއާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ. ނަމަވެސް އަބްދުއްރަހީމް އާއި ސައީދަކީ މިހާރު ކޮންގްރެސް ޕާޓީގެ މެންބަރުންނެވެ.

ޕީޕީއެމްގެ ލީޑަޝިޕަށް ބަދަލުތަކެއް ގެނެސްފައިވާއިރު އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުގެ މަގާމުގައި މީގެކުރިން ހުންނެވި އަހުމަދު ނިހާން ވަނީ އެންމެފަހުން ބޭއްވި ދެ އިންތިހާބުން ޕީޕީއެމް އަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުމުން އެ ޕާޓީގައި ކުރިން އޮތް ލީޑަޝިޕް އިސްތިއުފާ ދެއްވުމަށް ދާދިފަހުން ގޮވާލާފައެވެ.

އެގޮތުން ނިމިގެންދިޔަ މަޖިލިސް އިންތިހާބުގައި ޕީޕީއެމް އަށް ކާމިޔާބު ކުރެވުނީ އެންމެ ފަސް ގޮނޑި ކަމަށްވާއިރު މަޖިލިސް އިންތިހާބަށް ޕީޕީއެމުން 25 ކެންޑިޑޭޓުން ވާދަކޮށްފައިވެއެވެ.