Last Updated: April 24, 12:56
Wednesday, April 24, 2024
ކުޅިވަރު

ޖެހިޖެހިގެން އަށްވަނަ ފަހަރަށް ޔުވެންޓަސް އިން ލީގު ކާމިޔާބުކޮށްފި

ޖެހިޖެހިގެން އަށްވަނަ ފަހަރަށް އިޓާލިއަން ލީގު ޔުވެންޓަސް އިން ކާމިޔާބުކޮށްފިއެވެ.

ލީގުގައި ބާކީ ފަސް މެޗު އޮއްވާ ޔުވެންޓަސް އިން ލީގު ކަށަވަރުކުރީ މިރޭ އަމިއްލަ ދަނޑުގައި ފިއޮރެންޓީނާގެ މައްޗަށް 2-1 އިން ކުރި ހޯދައިގެންނެވެ.

މި މެޗުގެ ނަތީޖާއާއެކު ލީގުގެ އެއްވަނައިގައި ޔުވެންޓަސް އޮތީ 87 ޕޮއިންޓާ އެކުއެވެ. 67 ޕޮއިންޓާ އެކު ލީގުގެ ދެވަނައިގައި ނަޕޯލީ އޮތްއިރު ކުރިއަށް ހުރި މެޗުތަކުން އެޓީމު މޮޅުވިޔަސް ދެން ޔުވެންޓަސްއާ އަރާ ހަމަ ނުކުރެވޭނެއެވެ. ލީގުގެ ތިންވަނައިގައި 60 ޕޮއިންޓާ އެކު އޮތީ ފިއޮރެންޓީނާއެވެ.

މިރޭގެ މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ފިއޮރެންޓީނާ އިން ކަމަށްވާއިރު، މި ގޯލު މެޗުގެ ހަވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ނިކޮލާ މިލެންކޮވިޗްއެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން އެލެކްސް ސަންޑްރޯ ވަނީ ޔުވެންޓަސް އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

އަދި މި މެޗުން މޮޅުވި ގޯލު ޔުވެންޓަސް އިން ކާމިޔާބުކުރީ މެޗުގެ 53 ވަނަ މިނެޓްގައި ކަމަށްވާއިރު މި ގޯލަކީ ފިއޮރެންޓީނާގެ ޕެޒެއްލާ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

ޔުވެންޓަސް އިން ޖެހިޖެހިގެން އަށްވަނަ ފަހަރަށް ލީގު ކާމިޔާބުކުރިއިރު މިއީ އިޓަލީގެ ފުޓްބޯޅައިގެ ރެކޯޑެކެވެ. އަދި މިއީ ޔުވެންޓަސް އިން އެ ކްލަބުގެ ތާރީހުގައި ހޯދި 35 ވަނަ ލީގު ތަށިވެސް މެއެވެ.