ސްރީލަންކާގެ އެކި ސަރަހައްދުތަކަށް ބޮމުގެ ހަމަލާތަށް ދިން މީހުން ދެނެގަނެވިފައިވާ ކަމަށް އެގައުމުގެ ޑިފެންސް މިނިސްޓަރު ރުވާން ވިޖެވާޑަން ވިދާޅުވެއްޖެއެވެ.
ބޮމުގެ ހަމަލާތަށް ލަންކާގެ އަށް ސަރަހައްދަކަށް ދީފައިވާއިރު މި ހަމަލާތަކުގައި 190 އަށް ވުރެ މީހުން މަރުވެ، 400 އެއްހާ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތަށް ލިބިފައެވެ.
ނޫސްވެރިންނާ ވާހަކަދައްކަވަމުން ލަންކާގެ ޑިފެންސް މިނިސްޓަރު ރުވާން ވިދާޅުވީ މި ހަމަލާތަށް ދިން މީހުން ދެނެގަނެވިފައިވާ ކަމަށާއި މި ޓެރަރިސްޓު ހަމަލާ ދިން އެންމެން ވީހާވެސް އަވަހަކަށް ހައްޔަރުކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އަދި ލަންކާގައި ހަރަކާތްތެރިވަމުންދާ ހައްދުފަހަނައަޅާފައިވާ ގްރޫޕްތަކާއި ދެކޮޅަށް ފިޔަވަޅުތަށް އަޅާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އެފަދަ ފަރާތްތަކުން މިދިޔަ ދުވަސްތަކުގައި ކުރަމުންދިޔަ ކަންކަން އިތުރަށް ކުރާކަށް ފުރުސަތެއް ނުދެވޭނެ. އަހަރުމެން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެމީހުންނާ ދެކޮޅަށް އަޅާނަން" ރުވާން ވިދާޅުވިއެވެ.
ބޮމުގެ ހަމަލާތަކާއި ގުޅިގެން ލަންކާގައި ކާފިއު އިއުލާންކޮށްފައިވާއިރު، ކުރިއަށް އޮތް ދެ ދުވަސް ބަންދު ދުވަހުގެ ގޮތުގައި މިހާރު ވަނީ ކަނޑައަޅާފައެވެ. މީގެއިތުރުން މި ހާދިސާތަކާ ގުޅިގެން ނުރަނގަޅު މައުލޫމާތު ފެތުރުން ހުއްޓުވުމަށްޓަކާ ލަންކާގައި ވަނީ ބައެއް ސޯޝަލް މީޑިޔާގެ ވަސީލަތްތަށް ވެސް ބްލޮކް ކޮށްފައެވެ.
މިއީ ލަންކާގައި މިހާތަނަށް ދިން ޓެރަރިސްޓް އެންމެ ބޮޑު ހަމަލާތަކެވެ.