Last Updated: April 25, 21:20
Thursday, April 25, 2024
ޚަބަރު

ޕީޕީއެމް ދޫކޮށްލީ ކުރިމަގެއް ނެތުމުން: ނިހާން

ޕީޕީއެމްގައި އެއްވެސް ވަރެއްގެ ކުރިމަގެއް އޮތްތަން ނުފެންނަ ކަމަށް އެ ޕާޓީ ދޫކޮށް ޕީއެންސީއާ އިއްޔެ ގުޅިވަޑައިގެންނެވި ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ވިދާޅުވެއްޖެއެވެ.

ނިހާން މިހެން ވިދާޅުވިއިރު ފާއިތުވި ދެ އިންތިހާބުން ޕީޕީއެމަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުމުން އޭނާ ވަނީ އެ ޕާޓީގެ ލީޑަޝިޕްގެ އިސްތިއުފާ އަށް ދާދިފަހުން ގޮވާލާފައެވެ. ޕީޕީއެމްގެ ޓިކެޓުގައި ވާދަކޮށް ނިމިގެންދިޔަ މަޖިލިސް އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންނެވި ފަރާތްތަކުގެ ތެރޭގައި ނިހާން ވެސް ހިމެނިވަޑައިގަންނަވައެވެ.

ރޭ ސަންގު ޓީވީގެ "ހަބަރަށްފަހު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ނިހާން ވިދާޅުވީ ޕީޕީއެމްގައި އެއްވެސް ވަރެއްގެ ކުރިމަގެއް އަދި މާދަމާގެ މުސްތަގުބަލެއް އޮތް ކަމަށް ނުފެންނަ ކަމަށް ކުރި ކުރު ދިރާސާ އަކުން ދައްކާފައިވާ ކަމަށާއި އެހެންކަމުން ޕީޕީއެމްއާ އެއް ފިކުރެއްގައި އޮތް ޕީއެންސީއާ ގުޅިވަޑައިގެން އެ ޕާޓީ ބިނާކުރުމުގެ މަސައްކަތުގައި ބައިވެރިވާން ނިންމީ ކަމަށެވެ.

އަދި އެމްޑީޕީ އަކީ ރާއްޖޭގައި އޮތް ވާތު ފިޔައިގެ ޕާޓީ ކަމަށާއި ކަނާތު ފިޔައިގެ ޕާޓީއެއް ރާއްޖެ އަށް މިހާރު ބޭނުންވެފައިވާ ކަމަށްވެސް ނިހާން ވިދާޅުވިއެވެ. ނަމަވެސް ޕީޕީއެމް އަށް ދެން މި ދަތުރުގައި އަމާން މަންޒިލަކާ ހަމައަށް އާދެވިދާނެ ކަމަށް ޝައްކު ކުރައްވާ ކަމަށްވެސް ނިހާން ވިދާޅުވިއެވެ.

"ނަމަވެސް ޕީއެންސީ ދެން މަޑެއް ނުޖެހޭނެ. ޕީއެންސީ ދަތުރަށް މި ފެއްޓީ. ދަތުރަށް ހަމަ ރަނގަޅަށް ރުކުރުވާލީ. ރަނގަޅު މެމްބަރުން ވެސް ޕީއެންސީ އަށް އަންނާނެ" ނިހާން ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންނެވި ބޭފުޅުންނަށް ޕީއެންސީން ފުރުސަތު އޮންނާނެ ކަމަށާއި ޕީއެންސީގައި ވަކި ބޮޑު މީހެއް ނުހުންނާނެ ކަމަށްވެސް ނިހާން ވިދާޅުވިއެވެ. އަދި ޕީއެންސީ ވެގެންދާނީ ރާއްޖޭގައި އެންމެ ކާމިޔާބު ކަމާއެކު ހިންގާ އެންމެ ރިވެތި ސިފަތަކެއް ލިބިފައި ހުރި ޕާޓީއަކަށް ކަމަށްވެސް ނިހާން ވިދާޅުވިއެވެ.